21 ނޮވެމްބަރ 2016 - 06:19

އިނގިރޭސިވިލާތުގެ އަވަހާރަ ވެފައިވާ ޕްރިންސަސް ޑަޔާނާ ވަރަށް ގިނަ ގޮތްގޮތުން ހާއްސަ އެވެ. އިންސާނިއްޔަތަށް ހިދުމަތް ކުރުމުގައި ނަމޫނާ ދެއްކެވި ޑަޔާނާގެ ރީތިކަމުގެ ވާހަކަ އަދިވެސް ދައްކަ އެވެ. އޭނާ ހެދުން އެޅުއްވި ހިތްގައިމު ފަރި ގޮތްގޮތުގެ ވާހަކަ ވެސް ފުރިހަމަ އެވެ.
ކާރު އެކްސިޑެންޓެއްގައި ޑަޔާނާ އަވަހާރަވިތާ 20 އަހަރު ފުރުމާ ދިމާކޮށް އޭނާގެ ސްޓައިލްތައް ދައްކާލުމަށް، ޑަޔާނާ ދިރިއުޅުއްވި ކެންސިންޓަން ޕެލަސްގައި މައުރަޒެއް ބާއްވަން މިހާރު ވަނީ ނިންމައިފަ އެވެ.
އަންނަ އަހަރުގެ ފެބްރުއަރީ މަހު ހުޅުވާ މި މައުރަޒުގައި ޑަޔާނާގެ ސްޓައިލް ބަދަލުވަމުން އައި ގޮތް ފެނިގެންދާނެ އެވެ. ޑަޔާނާ 80ގެ އަހަރުތަކުގައި ތުރުކުރެއްވި ގައުންތަކުގެ އިތުރުން، 90ގެ އަހަރުތަކުގައި ޑިޒައިނާ ބްރޭންޑުތަކަށް ބަދަލުވި ހެދުންތައް ދައްކާލާނެ އެވެ.
ޖިއެނީ ވަސަޗޭ، ބްރޫސް އޮލްޑްފިލްޑް އަދި ކެތަރިން ވޯކާ ފަދަ ނަން މަޝްހޫރު ޑިޒައިނަރުން ޑަޔާނާއަށް ފަރުމާކޮށްދިން ހެދުންތަކުގެ ކުރެހުންތައް ވެސް މައުރަޒުގައި ދައްކާލާނެ އެވެ.
މައުރަޒު ބާއްވާ ކެންސިންޓަން ގަނޑުވަރުގައި ޑަޔާނާ 15 އުޅުއްވި އެވެ. މި ގަނޑުވަރުގައި ޑަޔާނާ އަށް ހާއްސަކޮށް ބާއްވާ މައުރަޒުގެ ނަމަކީ "ޑަޔާނާ: ހަ ފެޝަން ސްޓޯރީ" އެވެ. މި މައުރަޒު ދެ އަހަރު ދުވަހަށް ކުރިއަށް ގެންދާނެ އެވެ.