ނަތަންޔާހޫ އަށް އިޒްރޭލުގައި ސަރުކާރެއް އުފެއްދޭ ގޮތެއް ނުވި
ނަތަންޔާހޫ އަށް އިޒްރޭލުގައި ސަރުކާރެއް އުފެއްދޭ ގޮތެއް ނުވި

ތެލް އަވީވް (މެއި 6) - އިޒްރޭލުގައި ސަރުކާރެއް އުފެއްދުމަށް ބޮޑުވަޒީރު ނަތަންޔާހޫ އަށް ދިން މުއްދަތުގައި އެކަން ނުކުރެވުމުން އޭނާގެ ވާދަވެރިޔާ ޔައިރް ލަޕިޑަށް ސަރުކާރެއް އުފެއްދުމުގެ ފުރުސަތު ދީފި އެވެ.

މާޗް މަހު ބޭއްވި އާއްމު އިންތިޚާބުން ދެ ވަނަ ހޯދީ ލަޕިޑުގެ ޔެޝް އަޓިޓް ޕާޓީ އެވެ. އިޒްރޭލުގެ 120 މެންބަރުން ހިމެނޭ ޕާލަމެންޓުގެ އަޣުލަބިއްޔަތު ލަޕިޑަށް ނުހޯދިއްޖެ ނަމަ އަނެއްކާވެސް އިންތިޚާބަކަށް ދާން ޖެހުމުގެ ފުރުސަތު ބޮޑެވެ. އެހެންވެއްޖެ ނަމަ އެއީ އިޒްރޭލުގައި ދެ އަހަރު ތެރޭ ބާއްވާ ފަސް ވަނަ އިންތިޚާބަށް ވާނެ އެވެ.

ސަރުކާރެއް އުފެއްދުމަށް އިޒްރޭލުގެ ރައީސް ރެއުވެން ރިވްލިން މިހާރު ވަނީ ލަޕިޑަށް 28 ދުވަހުގެ މުއްދަތެއް ދެއްވައިފަ އެވެ. ގާނޫނު ހަދާ މަޖިލީހުގެ 56 މެންބަރަކު ވަނީ ލަޕިޑަށް ތާއީދުކޮށްފަ އެވެ.

އުމުރުން 57 އަހަރުގެ ކުރީގެ ފިނޭންސް މިނިސްޓަރު ވިދާޅުވީ ސަރުކާރެއް އުކުލަވާލުމަށް އޭނާ އަށް ކުރެވުނު ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.

އުމުރުން 71 އަހަރުގެ ނަތަންޔާހޫ އަކީ އިޒްރޭލުގައި އެންމެ ގިނަ ދުވަހު ވެރިކަން ކުރެއްވި ލީޑަރެވެ. އޭނާ ވަނީ 1996 ވަނަ އަހަރުން ފެށިގެން ފަސް ފަހަރު ބޮޑުވަޒީރުކަން ކުރައްވައިފަ އެވެ.