06 މެއި 2021 - 15:27

މާލެ ސަރަހައްދުގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، ކޮންމެ ދުވަހަކު ވެސް ރެކޯޑް އަދަދަކަށް މީހުން އެ ބައްޔަށް ޕޮޒިޓިވް ވާތީ، އެޗްޕީއޭ އިން އިއުލާން ކޮށްފައިވާ ކާފިއުގެ ވަގުތާ ގުޅިގެން ގޭތަކުން ކުނި ނަގާ ވަގުތަށް ވެމްކޯ އިން ބަދަލު ގެނެސްފި އެވެ.
އެޗްޕީއޭ އިން އިއުލާން ކޮށްފައިވާ ގޮތުން މިރެއިން ފެށިގެން ކޮންމެ ރެއެއްގެ 9 އިން ފަތިހު 4 އަށް މާލެ ސަރަހައްދުގައި އޮންނާނީ ކާފިއު ހިންގައިފަ އެވެ. އެ ގަޑީގައި ހާއްސަ ހުއްދައިގެ ދަށުން ނޫން ގޮތަކަށް އެއްވެސް ބަޔަކު ބޭރަށް ނުކުމެ އުޅުން މަނާވާނެ އެވެ.
އެހެންވެ، ވެމްކޯ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މިރެއިން ފެށިގެން އެ ކުންފުނިން ގޭބިސީތަކުން ކުނި ނަގާނީ ރޭގަނޑު 9-10 އާ ދެމެދު ކަމަށް ވާތީ، ކުނި ނެރެން ޖެހޭނީ އެ ވަގުތުތަކުގައި އެކަނި ކަމަށެވެ.
މި ފިޔަވަޅުތަކާއެކު ވެމްކޯގެ މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ޓްރާންސްފާ ސްޓޭޝަނުން ދޭ ހިދުމަތްތައް ހަވީރު 5:00 އިން ފެށިގެން ބަންދު ވާނެ އެވެ. އަދި އެ ކުންފުނީގެ ކޯލް ސެންޓަރުން މި މުއްދަތުގައި ހިދުމަތް ދޭނީ ހެނދުނު 9:00 އިން މެންދުރު 3:00 އަށެވެ.
ރާއްޖެ އިން ކޮވިޑް-19 ފެނުމާއެކު ވެމްކޯއިން ވަނީ ކުނި ނަގާ އުސޫލުތަކަށް ބަދަލު ގެނެސްފަ އެވެ. އެގޮތުން، މިހާރު އެ ކުންފުނިން ކުނި ނަގަން ވަކި ވަކި އެޕާޓްމަންޓުތަކަށް ނުދާނެ އެވެ. ކޮންމެ ގޭބިސީއަކުން ވެސް އިމާާރާތުގެ ތިރީގައި ކުނި ކޮތަޅުތައް ބަހައްޓަން އެ ކުންފުނިން ވަނީ އަންގައިފަ އެވެ. އަދި ކުނި ބޭރަށް ނެރޭނީ ވެމްކޯ އިން އަންގާ ގަޑިތަކުގައި އެކަނި ކަމަށް ވެސް ވަނީ ބުނެފަ އެވެ.