އިންޑިއާގެ ހާލަތު ގޯސްވީ "ޑަބަލް މިއުޓެންޓު"ގެ ސަބަބުން
އިންޑިއާގެ ހާލަތު ގޯސްވީ "ޑަބަލް މިއުޓެންޓު"ގެ ސަބަބުން

ނިއު ދިއްލީ (މެއި 6) - އިންޑިއާގައި ކޮވިޑުގެ ހާލަތު ގޯސްވެ ދެވަނަ ރާޅުގައި ނުރައްކާ ބޮޑުވީ މާޗު މަހު ފެނުނު އާ ވޭރިއަންޓުގެ ސަބަބުން ކަމަށް އޮފިޝަލުން ބުނެފި އެވެ.

ވަރަށް ގިނަ ސްޓޭޓްތަކުން ނެގި ސާމްޕަލް އިން ވަނީ "ޑަބަލް މިއުޓެންޓް" ނުވަތަ ބީ.617.1 ވޭރިއަންޓް ފެނިފަ އެވެ. ޑަބަލް މިއުޓެންޓަކީ އެއްވައިރަހެއްގައި ދެ މިއުޓޭޝަން ހިމެނުމެވެ.

ގާތްގަނޑަކަށް 13،000 ސާމްޕަލްގެ ތެރޭން އަށް ސްޓޭޓަކުން ވަނީ ބީ.617.1 ވޭރިއަންޓުގެ 3،500 ކޭސް ފެނިފަ އެވެ. މަހާރާޝްތުރާ، ކަރްނާޓަކާ، ވެސްޓް ބެންގާލް، ގުޖުރާތު އަދި ޗައްޓިސްގާރުގައި ކޭސްތައް އާދަޔާޚިލާފަށް އިތުރުވީ ޑަބަލް މިއުޓެންޓް ވޭރިއަންޓުގެ ސަބަބުން ކަމަށް އޮފިޝަލުން ބުނެ އެވެ.

އިންޑިއާ އިން އިއްޔެ ވަނީ ރެކޯޑް އަދަދެއް ކަމަށްވާ 412،000 މީހުން ޕޮޒިޓިވްވެ 3،980 މީހުން މަރުވެފަ އެވެ. މަހާރާޝްތުރާ އިން އެކަނިވެސް ވަނީ 920 މީހުން މަރުވެފަ އެވެ.

އިންޑިއާ ސަރުކާރުގެ ސައެންޓިފިކް އެޑްވައިޒަރު އިއްޔެ ވަނީ ތިން ވަނަ ރާޅެއްގެ ބިރު ބޮޑު ކަމަށް އިންޒާރު ދެއްވައިފަ އެވެ. ހެލްތު މިނިސްޓްރީގެ ނިއުސް ބްރީފިންގައި ކޭ. ވިޖޭ ރަގަވަން ވިދާޅުވީ އިންޑިއާގައި ކޮވިޑުގެ ހާލަތު މި ދަރަޖައަށް ނުރައްކާ ވެދާނެ ކަމަށް ތަޖްރިބާކާރުންނަށް ކުރިން އަންދާޒާ ކުރެވިފައި ނުވާ ކަމަށެވެ.

"ވައިރަސް ސާކިއުލޭޓްވަމުންދާ މިންވަރަށް ބަލައި ތިންވަނަ ރާޅެއްގެ ނުރައްކާ ބޮޑު. އެކަމަކު ތިން ވަނަ ރާޅާ ކުރިމަތިލާން ޖެހޭނެ އިރެއް ނޭނގޭ،" އޭނާ ވިދާޅުވި އެވެ.

ކޮވިޑުގެ ކޭސްތައް މިހާރު ވަނީ އިންޑިއާގެ ހެލްތުކެއާ ސިސްޓަމަށް ނުތަކާވަރަށް އިތުރުވެފަ އެވެ. ވަރަށް ގިނަ ސްޓޭޓްތަކުން ވަނީ ލޮކްޑައުންކޮށް އަދި ކާފިއު އިއުލާންކޮށްފަ އެވެ. ނަމަވެސް މައި ސަރުކާރުން ވަނީ ގައުމު ލޮކްޑައުން ކުރަން ދެކޮޅު ހަދައިފަ އެވެ.