06 މެއި 2021 - 14:03

ކޮލަމްބޯ (މެއި 6) - އިންޑިއާ އިން އެއްވެސް މީހަކު، މިއަދުން ފެށިގެން ސްރީ ލަންކާ އަށް ދަތުރު ކުރުން އެ ގައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން މަނާކޮށްފި އެވެ.
ސްރީ ލަންކާ ސަރުކާރުން އެ ފިޔަވަޅު އެޅީ އިންޑިއާގައި ކޮރޯނާވައިރަހުގެ ކޭސްތައް އާދަޔާޚިލާފަށް އިތުރުވުމާ ގުޅިގެންނެވެ. ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން މިހާރު ވަނީ އިންޑިއާ އިން މީހުން ދަތުރުކުރުން މަނާކޮށްފަ އެވެ.
އިންޑިއާ އިން އިއްޔެ ވަނީ ރެކޯޑް އަދަދެއް ކަމަށްވާ 412,618 މީހުން ޕޮޒިޓިވްވެ 3,982 މީހުން މަރުވެފަ އެވެ.
ސްރީ ލަންކާ އަށް ދަތުރުކުރާ އިންޑިއާގެ ޓޫރިސްޓުންނަށް މިދިޔަ ހަފުތާގައި ވަނީ ހަރުކަށި ފިޔަވަޅުތައް އަޅައިފަ އެވެ. ޓޫރިޒަމް މިނިސްޓަރު ޕްރަސާނާ ރަނަތުންގާ ވިދާޅުވީ އިންޑިއާގެ ޓޫރިސްޓުން ލަންކާ އަށް ދަތުރުކުރީ ޓްރޭވަލް ބަބްލެއްގެ ދަށުން ކަމަށެވެ. އޭނާ ވިދާޅުވީ ކޮވިޑުގެ ހާލަތު ދިއްލީގައި ގޯސްވާން ފެށުމާ އެކު އިންޑިއާ އިން ލަންކާ އަށް ދަތުރުކުރާ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް ދަށްވާން ފަށާފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އިންޑިއާ އިން ލަންކާ އަށް ދަތުރުކުރާ ޓޫރިސްޓުން ތިބީ ވަކި ހޮޓަލެއްގައި ކަމަށާއި އެހެން ޓޫރިސްޓުންނާއި އިންޑިއާއާ މީހުންނާ ބައްދަލުވެފައި ނުވާނެ ކަމަށެވެ.
ރަނަތުންގާ ވިދާޅުވީ ލަންކާގެ އެއާޕޯޓް ބަންދުކުރުމާ މެދު ގޮތެއް ނިންމާނީ ސިއްހީ ދާއިރާގެ ކަމާބެހޭ އޮފިޝަލުންނާ މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ. އޭނާ ވިދާޅުވީ އެހެން ގައުމުތަކުގައި ތިބި ލަންކާ މީހުން އަންނަން ބޭނުންވާތީ އެއާޕޯޓް ކުއްލިއަކަށް ބަންދުކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ސްރީ ލަންކާއިން އިއްޔެ ވަނީ ކޮރޯނާވައިރަހަށް 1,939 މީހުން ޕޮޒިޓިވްވެ 25 މީހުން މަރުވެފަ އެވެ. އެ ގައުމުން މިހާތަނަށް 117,529 މީހުން ޕޮޒިޓިވްވެ 734 މީހުން މަރުވެފައިވެ އެވެ.