ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި 31 މީހަކަށް ވެސް އެޑްމިޓް ކޮށްގެން ފަރުވާ ދެނީ
ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި 31 މީހަކަށް ވެސް އެޑްމިޓް ކޮށްގެން ފަރުވާ ދެނީ

ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިންގެ ދެ ޑޯޒް ޖެހި 31 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ ކަމަށް، ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ބުނެފި އެވެ.

އެ ސެންޓަރުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޗްޕީއޭގެ އެޕިޑެމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވި ގޮތުގައި އޭގެ ގިނަ މީހުންނަށް ފަރުވާ ދެމުން އަންނަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގަ އެވެ. ވެކްސިންގެ ދެ ޑޯޒް ދީފައި ވަނިކޮށް ހާލު ބޮޑުވި މީހަކަށް ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ބުރީގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

ރާއްޖޭގައި މިހާރު އެންމެ އާއްމުކޮށް ދެމުން އަންނަނީ އިންޑިއާގެ ކޮވިޝީލްޑް ވެކްސިނާއި ޗައިނާގެ ސިނޮފާމް ވެކްސިނެވެ. އަދި ހާއްސަ ހާލަތްތަކުގައި ފައިޒާ ވެކްސިން ވެސް ދެ އެވެ.

ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި ނަމަވެސް ބަލިން ރައްކާތެރިވުމުގެ އޮތީ ގާތްގަނޑަކަށް 70 ޕަސެންޓެވެ. އެކަމަކު މިހާތަނަށް އެނގިފައިވާ ގޮތުގައި ބަލީގައި ބޮޑުވަރުވުމުން، ވެކްސިން ސަލާމަތް ކޮށްދެ އެވެ.

އަފްޒަލް ވިދާޅުވި ގޮތުގައި ކޮވިޑް ޖެހިގެން އެޑްމިޓް ކުރާ މީހުންގެ ތެރެއިން، ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު، ނިސްބަތުން މަދެވެ.

"ހުޅުމާލޭ ހޮސްޕިޓަލްގައި މިހާރު އެޑްމިޓްކޮށްފައި އެބަތިބި 161 މީހުން. އޭގެ ތެރެއިން 69 މީހުންނަކީ ވެކްސިން ނުޖަހާ މީހުން،" އޭނާ ވިދާޅުވި އެވެ.

އަފްޒަލް ވިދާޅުވީ ދަރުމަވަންތައިގައި އެޑްމިޓްކޮށްފައިވާ އަށް މީހުންގެ ތެރެއިން ހަ މީހުން ވެކްސިން ނުޖަހާ ކަމަށެވެ. އަދި ދެ މީހުން، ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށް ވިދާޅުވި އެވެ.

"ވެކްސިން ޖަހާފައިވާ މީހުންގެ ތެރެއިން ބަލިވެފައިވަނީ 2.3 ޕަސެންޓް މީހުން. މި ނަންބަރުތަކުން އެބަ އެނގޭ ފުދޭވަރަކަށް ރަނގަޅު ރައްކާތެރިކަމެއް ލިބޭކަން." އަފްޒަލް ވިދާޅުވި އެވެ.

އެޗްޕީއޭން އާއްމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ރާއްޖެއިން މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވަނީ 299،407 މީހުންނެވެ. އޭގެ ތެރެއިން ދެ ޑޯޒު ފުރިހަމަ ކުރީ 119،518 މީހުންނެވެ.