ޗެލްސީގެ ކުރީގެ ކޯޗު ވިލަސް ބޮއަސް ކާރު ރޭސް ޗެމްޕިއަންޝިޕަށް
ޗެލްސީގެ ކުރީގެ ކޯޗު ވިލަސް ބޮއަސް ކާރު ރޭސް ޗެމްޕިއަންޝިޕަށް

ލިޒްބަން (މެއި 6) - ޗެލްސީގެ ކުރީގެ ކޯޗު އަންޑްރޭ ވިލަސް ބޮއަސް ދުނިޔޭގެ ކާރު ރޭސް ޗެމްޕިއަންޝިޕް ނުވަތަ ދުނިޔޭގެ ރެލީ ޗެމްޕިއަންޝިޕްގައި ވާދަކުރަން ތައްޔާރު ވެއްޖެ އެވެ.

އޭނާގެ އަމިއްލަ ގައުމު، ޕޯޗްގަލްގައި ބާއްވާ މި ޗެމްޕިއަންޝިޕުގެ ތިން ވަނަ ލެވެލްގައި އޭނާ ވާދަކުރާނެ އެވެ.

ކޯޗެއްގެ ގޮތުގައި، ވިލަސް ބޮއަސް އެންމެ ފަހުން މަސައްކަތް ކުރީ، ފްރާންސްގެ މާސޭގަ އެވެ. ފެބްރުއަރީ މަހު އެ ޓީމުގެ ކޯޗު ކަމުން އޭނާ ވަކި ކުރި އެވެ. އޭގެ ކުރިން އޭނާ ވަނީ އިސްތިއުފާ ދިނުމަށް ހުށަހަޅައިފަ އެވެ. އެއީ ކްލަބުގެ ސްޕޯޓިން ޕޮލިސީއާ މެދު ހިތްހަމަ ނުޖެހޭތީ ކަމަށް އޭރު އޭނާ ބުނެފައިވެ އެވެ.

ޓޮޓެންހަމްގައި ވެސް މަސައްކަތް ކުރި، ބޮއަސް 2011 ވަނަ އަހަރު ޗެލްސީ އަށް ބަދަލުވީ ކޯޗަކު ކްލަބު ބަދަލު ކުރުމަށް އޭރު ހެދި ދުނިޔޭގެ އެންމެ އަގުބޮޑު ޓްރާންސްފާގަ އެވެ. ޕޯޓޯގައި ހުރެ އޭނާ ޗެލްސީއަށް ބަދަލުވީ 15 މިލިއަން ޔޫރޯ އަށެވެ. މިދިޔަ ހަފުތާގައި ބާޔާން މިޔުނިކުން ވަނީ އެ ރެކޯޑް މުގުރާލައިފަ އެވެ. ލައިޕްޒިގްގެ ކޯޗު ހޫލިއަން ނާގެލްސްމަން ބަޔާނަށް އަންނަ ސީޒަންގައި ބަދަލު ވަނީ 20 މިލިއަން ޔޫރޯ އަށެވެ.

ބޮއަސް، 43، ވަނީ 2018 ގައި ސެނެގާލްގެ ވެރިރަށް ޑަކަރުގައި ބޭއްވި ސައިކަލް ރޭހެއްގައި ބައިވެރިވުމަށް ތަމްރީން ފުރިހަމަ ކޮށްފަ އެވެ. އެހެން ނަމަވެސް ބުރަކަށްޓަށް ލިބުނު އަނިޔާއާ ގުޅިގެން ފަހު ވަގުތު އޭނާ ރޭހުން ވަކިވީ އެވެ. އެ ރޭހުގައި ބައިވެރިވާން އޭނާ ދިޔައީ ޗައިނާ ސުޕަ ލީގުގެ ކްލަބު ޝެންހާއީ އެސްޕީއައިޖީގައި މަސައްކަތް ކުރުމަށް ފަހު އެވެ.

ބޮއަސް މިހާރު ބައިވެރިވާން އުޅޭ ވޯލްޑް ރެލީ ޗެމްޕިއަންޝިޕްގެ ހަތަރު ވަނަ ބުރު އޮންނާނީ މި މަހު 20-23 އަށެވެ.