މާބަނޑު މީހުންނަށް ފައިޒާ ވެކްސިން ދޭން ފަށާނެ: ފައިސަލް
މާބަނޑު މީހުންނަށް ފައިޒާ ވެކްސިން ދޭން ފަށާނެ: ފައިސަލް

ކޮވިޑު-19 އިން ރައްކާތެރިވުމަށް، މާބަނޑު މީހުންނަށް ފައިޒާ ވެކްސިން ދޭން ފަށާނެ ކަމަށް، އިމިއުނިޒޭޝަންގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ ޗެއާމަން ޑރ. އަހުމަދު ފައިސަލް މިއަދު ވިދާޅުވެއްޖެ އެވެ،

އައިޖީއެމްއެޗްގެ ޑައިޓީޝަން އާސިޔާ އަބްދުއްރަހީމްގެ ޓްވީޓަކަށް ޖަވާބުދެއްވަމުން، ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލް ވިދާޅުވީ މާބަނޑު މީހުންނަށް ފައިޒާ ވެކްސިން ދޭން ފަށާނެ ކަމަށެވެ.

އާސިޔާ ޓްވީޓްގައި ވަނީ އޭނާ އިންނެވީ ބަލިވެ ކަމަށާއި އެކަމަކު ކޮވިޑާ ދެކޮޅު ހަނގުރާމާގައި ނުކުންނަން ޖެހިލުންނުވާ ކަމަށެވެ. އެކަމަކު މާބަނޑު މީހުންނާއި ކުޑަކުދިންނަށް ވެކްސިން ނުދެވޭނެތީ، އޭނާ އަށް ވެސް އަދި ގޭގައި ތިބި ދެ ފިރިހެން ދަރިންނަށް ވެސް ނުރައްކާ ބޮޑު ކަމަށް ވިދާޅުވެފައިވެ އެވެ.

އުމުރުން 16-18 އަހަރާ ދެމެދުގެ ކުދިންނަށް ފައިޒާ ވެކްސިން ދިނުމަށް ނިންމައި އެ ވެކްސިން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. ނަމަވެސް މާބަނޑު މީހުންނަށް ފައިޒާ ވެކްސިން ދޭކަން އަދި އިއުލާނުކޮށްފައެއް ނުވެ އެވެ.

ރާއްޖޭގައި އާއްމުކޮށް ހުޅުވާލައިގެން މިހާތަނަށް ދިނީ ކޮވިޝީލްޑް އަދި ސައިނޯފާމް ވެކްސިނެވެ. އެ ދެ ބްރޭންޑުގެ ވެކްސިން ވެސް ދެމުން އަންނަނީ އުމުރުން 18 އަހަރުން މަތީގެ މީހުންނާއި މާބަނޑު ނޫން މީހުންނަށެވެ. އެހެންވެ، ހައިރިސްކް ކެޓަގަރީއާ އެކު މާބަނޑު މީހުންނަށް އޮތް ނުރައްކާ ބޮޑެވެ.

ފައިޒާ ވެކްސިން ދިން ނަމަވެސް އެ ޖަހައިދެމުން އަންނަނީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށެވެ.

މާބަނޑު މީހުންނަށް ފައިޒާ ވެކްސިން ދޭއިރު ރާއްޖޭގެ ކޮވިޑުގެ ހާލަތު މި އޮތީ އެންމެ ނުރައްކާ ދަރަޖައިގަ އެވެ. ޕޮޒިޓިވްވާ މީހުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވާއިރު، އެކްޓިވް ކޭސްތައް ވެސް 7،000 އިން މައްޗަށް އަރާފައި ވެ އެވެ.

އިއްޔެ އެކަނި ވެސް 734 މީހުން ޕޮޒިޓިވްވެފައި ވެ އެވެ.

މިހާތަނަށް 299،407 މީހަކަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިވާއިރު 119،518 މީހުން ވަނީ ދެ ޑޯޒް އެއްކޮށް ފުރިހަމަކޮށްފަ އެވެ.