ކޮވިޑްގައި މަރުވި މީހުންގެ އަދަދު 75 އަށް
ކޮވިޑްގައި މަރުވި މީހުންގެ އަދަދު 75 އަށް

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ އުމުރުން ދުވަސްވީ ދިވެއްސަކު ރޭ ދަންވަރު މަރުވެއްޖެ އެވެ.

މަރުވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 77 އަހަރުގެ އަންހެނެކެވެ.

މިއާ އެކު ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ އަދަދު 75 އަށް އަރާފައިވާއިރު މިއަދު މަރުވި މީހާއާ އެކު މިއަހަރު އެކަނި ވެސް ބަލީގައި 27 މީހަކު މިވަނީ މަރުވެފަ އެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތު ގޯސްވަމުންދާތީ އެޗްޕީއޭ އިން ވަނީ ފިޔަވަޅުތައް ވެސް ވަރުގަދަކޮށްފަ އެވެ. އެގޮތުން މިއަދުން ފެށިގެން ރޭގަނޑު 9:00 އިން ފަތިހު، 4:00 އަށް މާލޭ ސަރަހައްދުގައި ކާފިއު ހިންގަން ވަނީ ނިންމައިފަ އެވެ. އަދި ސްކޫލުތަކާއި އޮފީސްތަކުން ދެމުންދާ ހިދުމަތްތައް ވެސް ވަނީ އޮންލައިންކޮށްފަ އެވެ.

މިފަހުން ވަނީ ކޮވިޑްގެ ނަމްބަރުތައް ވަރަށް ބޮޑަށް މައްޗަށް އަރައިފަ އެވެ. ކޮންމެ ދުވަހަކު 600 އެއްހާ މީހުން ޕޮޒިޓިވްވަމުން އައިސް އިއްޔެ އެ އަދަދު އުޅުނީ 700 އިން މަތީގަ އެވެ. އަދި ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ މީހުންގެ އަދަދު ވެސް 198 އަށް އަރަ އެވެ. ހޮސްޕިޓަލުގެ އެނދުތައް ފުރޭތީ ވަސީލަތް އިތުރު ކުރުމުގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރަމުންނެވެ.