07 މެއި 2021 - 09:59

ސޮނީ ޓީވީން ގެނެސްދޭ ކުޑަކުދިންގެ ޑާންސް ޝޯ "ސުޕަ ޑާންސާ" ގެ ޗެޕްޓާ ހަތަރަކުން އޭގެ ޖަޖުންގެ ޕެނެލްގައި ހިމެނޭ ޝިލްޕާ ޝެޓީ ވަކިވެއްޖެ އެވެ.
މީޑިއާތަކުން ބުނީ އޭނާ ޝޯ އިން ވަކިވީ ކޮވިޑް-19އާ ހެދި ޝޯގެ ޝޫޓިންގެ ލޮކޭޝަން އެހެން ތަނަކަށް ބަދަކުކުރަން ޖެހުމާ ގުޅިގެން، އާ ލޮކޭޝަނަށް ދާން ދަތިވާތީ ކަމަށެވެ. ޝިލްޕާ އަކީ ދެ ކުދިން ވެސް ތިބި މައެކެވެ. އޭނާގެ ހަގު ދަރިފުޅަށް އަދި އަހަރެއްހާ ދުވަހެވެ.
އެހެންވެ ދަރިން ދޫކޮށް، މުމްބާއީން އެހެން ތާކަށް މި ވަގުތު ދާން ޖެހޭތީ ޝިލްޕާ ޝޯ ދޫކޮށްލީ އެވެ. މިދިޔަ ހަފުތާގެ ޝޯގެ އެޕިސޯޑްތަކުން ވެސް ޝިލްޕާ ފެނިފައެއް ނުވެ އެވެ.
"ސުޕަ ޑާންސާ" ޗެޕްޓަރު ހަތަރެއްގެ ޝޫޓިން މިހާރު ބަދަލުކޮށްފައި ވަނީ ޑާމަން ސިޓީއަށެވެ. ޝިލްޕާ ޝޯ އިން ވަކިވުމާ ގުޅިގެން ބަދަލުގައި މިހާރު ޖަޖަކަށް މަލައިކާ އަރޯރާ ވަނީ ހަމަޖައްސައިފަ އެވެ. އޭނާ އަކީ ސޮނީގެ އެހެން ޑާންސް ޝޯއެއް ކަމަށްވާ "އިންޑިއާސް ބެސްޓް ޑާންސާ" ގެ ޖަޖެކެވެ. އެ ޝޯގެ ފުރަތަމަ ސީޒަން ގެނެސްދިނީ މިދިޔަ އަހަރު އެވެ.
"ސުޕަ ޑާންސާ" ޗެޕްޓަރު ހަތަރެއްގެ ތިން ޖަޖުންގެ ތެރެއިން ޑައިރެކްޓަރު އަނޫރާގް ބާސޫ ވެސް ވަނީ އަމިއްލަ ސަބަބުތަކާ ހެދި ޝޯ ދޫކޮށްލައިފަ އެވެ. އެހެންވެ އޭނާގެ ބަދަލުގައި ދެން ޝޯއިން ފެންނާނީ މަލައިކާއާ އެކު "އިންޑިއާސް ބެސްޓް ޑާންސާ" ގެ ޖަޖުންގެ ޕެނެލްގައި ހިމެނޭ ކޮރިއޮގްރާފަރު ޓެރެސް ލުވިސް އެވެ.
"ސުޕަ ޑާންސާ" ޗެޕްޓާ ހަތަރަކީ މާޗް މަހުގެ 27 އިން ފެށިގެން ދައްކަމުން އަންނަ ޝޯއެކެވެ. މި ޝޯގެ ޖަޖުންގެ ޕެނެލަށް މިހާރު އައި ބަތަލާ އެކު، މަލައިކާ އާއި ޓެރެންސްއާ އެކު ދެން ފެންނާނީ ޝޯގެ ރަސްމީ ޖަޖުންގެ ތެރޭގައި ހިމެނޭ ކޮރިއޮގްރާފަރު ގީތާ ކަޕޫރެވެ.
ސޮނީގެ ޝޯތަކުގެ ތެރެއިން "އިންޑިއަން އައިޑޮލް 12" ވެސް މިހާރު ޝޫޓްކުރަނީ މުމްބާއީގެ ބަދަލުގައި ދަމަންގަ އެވެ.
"ސުޕަ ޑާންސާ" އާއި "އިންޑިއަން އައިޑޮލް" އަކީ ވެސް ސޮނީން ކޮންމެ ހަފުތާއެއްގެ ހޮނިހިރާއި އާދީއްތަ ދުވަހުގެ ރޭ ގެނެސްދޭ ޝޯތަކެވެ.