06 މެއި 2021 - 11:10

މެންޗެސްޓާ (6 މެއި) - މިދިޔަ އާދިއްތަ ދުވަހު މެންޗެސްޓާ ޔުނައިޓެޑްގެ ސަޕޯޓަރުން ކުރި ހަޅުތާލާ ހެދި ކުރިއަށް ނުގެންދެވުނު، ޔުނައިޓެޑާއި ލިވަޕޫލްގެ މެޗު އަންނަ ބުރާސްފަތި ދުވަހަށް ތާވަލުކޮށްފި އެވެ.
އެ ތާރީހްގައި މެޗު ކުޅެން ހަމަޖެއްސުމުން ފަސް ދުވަސްތެރޭ ޔުނައިޓެޑްގެ ޓީމުން ތިން މެޗު ކުޅޭނެ އެވެ. ލެސްޓާ ސިޓީއާ ދެކޮޅަށް ޔުނައިޓެޑް ކުޅެން ހަމަޖެހިފައިވާ މެޗު ވެސް މިހާރު ވަނީ ތާރީހް އަވަސްކޮށްފަ އެވެ. ކުރިން ބުރާސްފަތި ދުވަހު ކުޅެން ހަމަޖެހިފައިވާ އެ މެޗު މިހާރު ވަނީ އަންގާރަ ދުވަހަށް ބަދަލުކޮށްފަ އެވެ. އެގޮތަށް ނިންމީ، އެފްއޭ ކަޕް ފައިނަލުގައި އަންނަ ހޮނިހިރު ދުވަހު ލެސްޓާއިން ކުޅެން ޖެހޭތީ އެ މެޗަށް ތައްޔާރުވާން ލެސްޓާއަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.
އާދިއްތަ ދުވަހު ޔުނައިޓެޑްގެ ސަޕޯޓަރުން ވަނީ އޯލްޑްޓްރަފާޑަށް ވަދެ ދަނޑުމަތީގައި ވެސް ހަޅުތާލުކޮށްފަ އެވެ. ސްޓޭޑިއަމްގެ އެތެރެއާ އާއި ބޭރުގައި ޔުނައިޓެޑްގެ ސަޕޯޓަރުން މުޒާހަރާ ކުރީ ޔުނައިޓެޑްގެ މިލުކުވެރިކަން އޮންނަ ގްލޭޒާގެ އާއިލާއާ ދެކޮޅަށެވެ. ޔުނައިޓެޑްގެ ސަޕޯޓަރުން ގޮވާލަމުން ދިޔައީ ގްލޭޒާގެ އާއިލާން ކްލަބު ދޫކޮށްލުމަށެވެ.
ހަޅުތާލު ކުރަމުން ދިޔަ ސަޕޯޓަރުން ވަނީ ޔުނައިޓެޑްގެ ޓީމު ކޭމްޕް ކުރި ހޮޓަލް ކައިރީގައިވެސް މުޒާހަރާ ކޮށްފަ އެވެ. ސަޕޯޓަރުންގެ ހަޅުތާލު ކުރަން ނުކުތީ، މިދިޔަ މަހު އިއުލާން ކުރި ޔޫރަޕިއަން ސުޕަ ލީގުގައި ބައިވެރިވާން ޔުނައިޓެޑް ނިންމުމުންނެވެ. ޕްރެޝަރާ ހެދި ފަހުން ޔުނައިޓެޑް ސުޕަ ލީގުން ވަކި ވިޔަސް ސަޕޯޓަރުންގެ ރުޅި މައިތިރިއެއް ނުވި އެވެ. ޔުނައިޓެޑްގެ ކޯ އޯނަރު ޖޮއެލް ގްލޭޒާ އަކީ ސުޕަ ލީގުގެ ވައިސް ޗެއާމަން އެވެ.
ސަޕޯޓަރުންގެ ހަޅުތާލާ ހެދި ޔުނައިޓެޑަށް އަދަބު ލިބުމަކީ ގާތުގައިވާ ކަމެކެވެ. އަންނާނެ ކަމަށް ބެލޭވޭ އަދަބުތަކަކީ، ޖޫރިމަނާ ކުރުން، ނުވަތަ ޕޮއިންޓް އުނިކުރުން ފަދަ އަދަބެކެވެ. އިނގިރޭސި އެފްއޭ އާއި ޕްރިމިއާ ލީގުން ދަނީ މެޗު ފަސް ކުރަން ޖެހުމުން އެކަން ތަހުގީގު ކުރަމުންނެވެ. އަދި ކޮވިޑްގެ ޕްރޮޓޮކޯލް މުގުރާލި މައްސަލަވެސް ހަޅުތާލުގައި ބައިވެރިވި ސަޕޯޓަރުންނަށް އަންނާނެ އެވެ.
ޔޫރޮޕާ ލީގުގައި މިރޭ، އޭއެސް ރޯމާ އާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުން، ޔުނައިޓެޑްގެ ކޯޗް އޮލޭ ގަނާ ސޮލްޝަޔާ ބުނީ ސަޕޯޓަރުންގެ ހަޅުތާލުގެ ސަބަބުން އޭނާ އަށާއި ޔުނައިޓެޑްގެ ޓީމަށް އުނދަގޫ ހާލަތެއް މިހާރު ކުރިމަތި ވެފައިވާ ކަމަށެވެ. އޭނާ ވަނީ ޔުނައިޓެޑްގެ ސަޕޯޓަރުން ތަހުޒީބު ވުމަށް އިލްތިމާސް ކޮށްފަ އެވެ.