ހީކުރި ގޮތާ ހިލާފަށް "ބޭފިކްރޭ" އޮތް ގޮތަށް ފާސްކޮށްދީފި
ހީކުރި ގޮތާ ހިލާފަށް "ބޭފިކްރޭ" އޮތް ގޮތަށް ފާސްކޮށްދީފި

ޕްރޮޑިއުސަރު-ޑައިރެކްޓަރު އަދިތުޔާ ޗޯޕްރާގެ އާ ފިލްމު "ބޭފިކްރޭ"ގެ ފުރަތަމަ ޕޯސްޓަރަކާ އެކު ގިނަ ބަޔަކަށް ލިބުނީ ސިހުމެވެ. އާއިލާގެ މެންބަރުންނާ އެކު ބަލައިލަން ނުކުރެވޭ ފިލްމެއް ކަމަށް ސިފަކުރެވުނެވެ.

އަދިތުޔާ ޗޯޕްރާ ޑައިރެކްޓްކުރާ ފިލްމެއް މިފަދަ ގޮތަކަށް އުފައްދަފާނެތޯ ވެސް އެތައް ބަޔަކު ސުވާލުކުރި އެވެ. މި ސުވާލުތައް ގިނަވީ ފިލްމުގެ ފުރަތަމަ ޓްރެއިލާ ވެސް އެ ފާޑަކަށް އޮތީމަ އެވެ. އިންޑިއާގެ ސެންސަރު ބޯޑުން މި ފިލްމު ފާސްކޮށްދީފާނެތޯ ގިނަ ބަޔަކު ސުވާލުކުރަން ފެށި އެވެ.

އެކަމަކު ޔޫ/އޭ ސެޓްފިކެޓަކާ އެކު ފިލްމު ވަނީ ސެންސަރު ބޯޑުން ފާސް ކޮށްދީފަ އެވެ. ގައިގޯޅިކަން މާބޮޑަށް ފެންނަ ކަމަށް ބުނާ 40 އަށް ވުރެ ގިނަ މަންޒަރު ހިމެނުނު ކަމަށް ވިޔަސް އެއިން އެއްވެސް މަންޒަރެއް ކަނޑާނުލައި ފިލްމު އޮތީ ފާސްކޮށްދީފަ އެވެ. ޔޫ/އޭ ސެޓްފިކެޓެއް ދިނުމުގެ މާނަ އަކީ އުމުރުން 12 އަހަރުން ދަށުގެ ކުދިން ބެލެނިވެރިންގެ ހާޒިރުގައި ބެލުމަށް ހުއްދަ ދިނުމެވެ.

ފިލްމުގެ ބަތަލު ރަންވީރު ސިންގް ބުނާ ގޮތުގައި އެމީހުންގެ އަތުގައި މިހާރު ސެންސަރު ބޯޑުން ދޫކުރި ސެޓްފިކެޓް އެބައޮތެވެ. އެހެންކަމުން ސެންސަރު ބޯޑު މެމްބަރުންނަށް ވެސް ފިލްމުގައި އެ މަންޒަރުތައް ހިމެނުމުގެ މުހިއްމުކަން ވިސްނިފައިވާ ކަމަށް ރަންވީރު ގަބޫލުކުރެ އެވެ.

އަދިތުޔާ ޗޯޕްރާ މީގެ ކުރިން އުފައްދާފައިވާ "ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭނގޭ" އާއި "މުހައްބަތޭން" އަދި "ރަބް ނޭ ބަނާދީ ޖޯޅީ" އަކީ ގިނަ ބަޔަކަށް ވަރަށް މަގްބޫލު ފިލްމު ތަކެކެވެ.