ރެއާލް ބަލިކޮށް ޗެލްސީން އިނގިރޭސި ފައިނަލަކަށް
ރެއާލް ބަލިކޮށް ޗެލްސީން އިނގިރޭސި ފައިނަލަކަށް

ލަންޑަން (6 މެއި) - ސެމީ ފައިނަލުގެ ދެ ވަނަ ލެގްގައި ރެއާލް މެޑްރިޑްގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ޗެމްޕިއަންސް ލީގުގެ ފައިނަލަށް ޗެލްސީ ދަތުރު ކޮށްފި އެވެ.

ރެއާލް ބަލިކޮށް ޗެލްސީން އިނގިރޭސި ފައިނަލަކަށް
ރެއާލް ބަލިކޮށް ޗެލްސީން އިނގިރޭސި ފައިނަލަކަށް

ފައިނަލުގައި، ޗެލްސީ ނުކުންނާނީ މެންޗެސްޓާ ސިޓީ އާ ދެކޮޅަށެވެ. ސިޓީ ފުރަތަމަ ފަހަރަށް ފައިނަލަށް ދަތުރު ކުރީ މިދިޔަ އަހަރުގެ ރަނަރަފް ޕީއެސްޖީ ބަލި ކުރުމަށް ފަހު އެވެ. ސިޓީ އާއި ޗެލްސީ ފައިނަލުގައި ވާދަ ކުރަން ޖެހުމުން، ޗެމްޕިއަންސް ލީގްގައި ތިން އަހަރު ތެރޭ ދެ ވަނަ ފަހަރަށް އިނގިރޭސި ފައިނަލަކަށް ވީ އެވެ. ޗެމްޕިއަންސް ލީގްގެ 2019 ވަނަ އަހަރުގެ ފައިނަލުގައި އިނގިރޭސި ދެ ޓީމުގެ ކުރިމަތިލުމުގައި ޓޮޓެންހަމް ބަލިކޮށް މުބާރާތް ކާމިޔާބު ކުރީ ލިވަޕޫލެވެ. ޗެލްސީ އާއި ސިޓީ ކުޅޭ ފައިނަލު މެޗު އޮންނާނީ މިމަހު 29 ގަ އެވެ.

ޗެލްސީގެ ދަނޑު ލަންޑަންގެ ސްޓެމްފޯޑް ބްރިޖުގައި ކުޅުނު މެޗުގައި، ރެއާލަށް ވުރެ ޗެލްސީ ފެނުނީ ހަމަލާތަކުގައި މާބޮޑަށް ވެސް ވަރުގަދަ ކޮށެވެ. އެ ޓީމުގެ ލަނޑު ފުރަތަމަ ހާފުގައި ކާމިޔާބު ކުރީ ޗެލްސީއަށް މި ސީޒަންގައި ބަދަލުވި ފަހުން ލަނޑު ޖެހުމުގެ މައްސަލަ ކުރިމަތި ވެފައިވާ ޓިމޯ ވާނާ އެވެ. ދެ ވަނަ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ޗެލްސީގެ ދެ ވަނަ ލަނޑު މޭސަން މައުންޓް ކާމިޔާބު ކުރީ ކްރިސްޓިއަން ޕްލިސިޗް ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. މެޑްރިޑްގައި ކުޅުނު މެޗު ނިމުނީ 1-1 ން އެއްވަރު ވެގެންނެވެ.

މިދިޔަ ޖެނުއަރީ މަހު ޗެލްސީގެ ކޯޗް ކަމާ ހަވާލުވެ، ހަތް އަހަރަށް ފަހު ޗެމްޕިއަންސް ލީގުގެ ފައިނަލަށް އެ ޓީމު ގެންގޮސް ދިން ކޯޗް ތޯމަސް ޓުޗެލް މެޗަށް ފަހު ބުނީ ފައިނަލަށް ދެވުމަކީ ބޮޑު ކާމިޔާބެއް ކަމަށެވެ. މިދިޔަ އަހަރު ޕީއެސްޖީ ފައިނަލަށް ދަތުރު ކުރީވެސް އޭނާގެ ކޯޗު ކަމުގެ ދަށުންނެވެ.

"ފުރަތަމަ ހާފުގައި އެ ޓީމުން ބޯލް ޕޮޒެޝަން ކޮންޓްރޯލް ކުރުމުން އަހަރެމެންނަށް އުނދަގޫވި. އެހެން ނަމަވެސް ކައުންޓަ އެޓޭކްތަކުގައި އަހަރެމެން ވަރަށް ރަނގަޅަށް މަސައްކަތް ކުރި،" މެޗަށް ފަހު ވާހަކަ ދައްކަމުން ޓްޗެލް ބުންޏެވެ.

"ދެ ވަނަ ހާފުގައި އަހަރެމެންގެ ކުޅުން ވަރަށް ރަނގަޅު. މި މުބާރާތުގެ ފައިނަލަށް ދެވުމަކީ ބޮޑު ކާމިޔާބެއް."