06 މެއި 2021 - 02:02

މިދިޔަ ހަފުތާއެއްގެ ތެރޭގައި ކޮންމެ ދުވަހަކު ވެސް ރާއްޖެ އިން ކޮވިޑް ޖެހޭ މީހުންގެ އަދަދު ރެކޯޑް އަދަދަކަށް މައްޗަށް ދާން ފަށާފައިވާއިރު، ހާލަތު ގޯހުންގޯހަށް ނުދަނީސް ބައިނަލްއަގްވާމީ އެހީތެރިކަމަށް އެދެން މާލޭގެ މޭޔަރުކަމަށް އިންތިހާބު ކޮށްފައިވާ ޑރ. މުހައްމަދު މުއިއްޒު ރޭ ސަރުކާރަށް އިލްތިމާސް ކުރައްވައިފި އެވެ.
ކުރީގެ ހައުސިން މިނިސްޓަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ވެކްސިންގެ ސްޓޮކާއި ވެންޓިލޭޓަރުތައް މަދުވެ، ކޮވިޑަށް މީހުން ޕޮޒިޓިވްވާ ވަރު އިތުރު ވެފައިވާ މި ނާޒުކް ދަނޑިވަޅުގައި ބޭރުގެ އެހީ ހޯދުމުގެ މަސައްކަތް ފަށަން ޖެހެނީ ރައްޔިތުންގެ ސަލާމަތަށްޓަކައި ކަމަށެވެ.
މިދިޔަ އަންގާރަ ދުވަހުގެ ހަވީރު 6 އިން އިއްޔެގެ ހަވީރު 6 އަށް ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު 734 އާ އެކު ރެކޯޑް އަދަދަކަށް މައްޗަށް ދިއުމާއެކު، ސަރުކާރުން ވަނީ މާލެ ސަރަހައްދުގައި މިރެއިން ފެށިގެން ކުއްލި ކާފިއުއެއް އިއުލާން ކޮށްފަ އެވެ. ކޮންމެ ރެއެއްގެ 9 އިން ފަތިހު 4 އަށް ހިންގާ އެ ކާފިއުގެ އިތުރުން މާލެ ސަރަހައްދުގައި ހިންގާ ސަރުކާރުގެ އޮފީސްތަކާއި ސްކޫލުތަކުގައި ކިޔަވައި ދިނުން ވެސް މިހާރު ވަނީ ހުއްޓާލައިފަ އެވެ. އަދި ޒަރޫރީ ބޭނުމެއްގައި ނޫނީ ރަށްރަށަށް ދަތުރުކުރުން ވެސް ވަނީ މެދުކަނޑާލައިފަ އެވެ.
މުއިއްޒު ކުރިން ވިދާޅުވެފައި ވަނީ ފަރުދީ ޒިންމާ އަދާކުރުމަކުން އެކަނި ހައްލުވާ ވަރަށް ވުރެ މާލެ ސަރަހައްދުގައި ކޮވިޑުގެ ހާލަތު ގޯސްވެފައިވާ ކަމަށެވެ.
"އެންމެ ބޮޑަށް އިސްލާހު ކުރަންވީ ސަރުކާރުގެ މިކަމާ ގުޅުން ހުރި ޚާރިޖީ، ދާހިލީ އަދި އިގްތިސާދީ ސިޔާސަތުތައް. ކަން މިހެން އޮތް ނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، ކަމާބެހޭ ފަރާތްތަކުން އަންގާ އެންގުންތަކަށް ބޯލަނބައި "ފަރުދީ ޒިންމާ" އަދާކުރުމުގައި މިސާލު ދައްކާ ބައެއްގެ ގޮތުގައި ވުމަށް މާލެ ސިޓީގެ ލޮބުވެތި ރައްޔިތުންނަށް އިލްތިމާސް ކުރަން،" މުއިއްޒުގެ ކުރީގެ ޓުވީޓެއްގައި ވެ އެވެ.
މިދިޔަ އަންގާރަ ދުވަހުގެ ހަވީރު 6 އިން އިއްޔެގެ ހަވީރު 6 އަށް މާލެ ސަރަހައްދުން އެކަނިވެސް 540 މީހަކު އަލަށް ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު މިއީ ވެސް ރެކޯޑު އަދަދެކެވެ. މީގެ ކުރިން ދުވަހަކު ވެސް މާލެ އާއި ވިލިމާލެ އާއި ހުޅުމާލެ އިން އެއް ދުވަހެއްގައި މިހާ ގިނަ ބަަޔަކަށް ކޮވިޑް ނުޖެހެ އެވެ.
ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ކޮވިޑް ވެކްސިން ދޭން ފަށާފައިވީ ނަމަވެސް އެންމެ ގިނަ ބަޔަކަށް ޖެހި ކޮވިޝީލްޑް ވެކްސިން ލިބުމުގައި ތާށިތަކެއް ވެ، ވެކްސިން ޖެހުން ވަނީ މެދުކަނޑާލައިފަ އެވެ. އެކަމަކު، ކޮވިޝީލްޑްގެ އާ ބެޗެއް ގެންނަން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެކަމަށް ވެސް ދެ ހަފުތާއެއްހާ ދުވަސް ނަގާނެ ކަމަށް ސަރުކާރުން ބުނެފައި ވެ އެވެ.