06 މެއި 2021 - 01:09

މި މަހު 14 ގައި ރާއްޖޭގައި ފަށާ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ޒޯންގެ ގުރޫޕް ސްޓޭޖު މެޗުތައް ފަސް ކުރުމާ މެދު އޭއެފްސީ އާއެކު އެފްއޭއެމުން ވާހަކަ ދައްކަން ފަށައިފި އެވެ.
ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19ގެ ޕޮޒިޓިވް ކޭސްތައް ރާއްޖޭގައި ގިނަވަމުން ދާތީ އާއި އަދި މި ދަނޑިވަޅު އާންމުންގެ ކަންބޮޑުވުންތައް ހުރުމާއެކު އޭއެފްސީ ކަޕް ގުރޫޕް ސްޓޭޖު ފަސް ކުރަން އޭއެފްސީ އާއެކު އެފްއޭއެމުން ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.
އޭއެފްސީ ކަޕް ފަސް ކުރުމާ މެދު އޭއެފްސީ އާއި އެފްއޭއެމުން ވާހަކަ ދައްކަމުން ގެންދަވާ ކަމަށް މަހްލޫފް ވިދާޅުވީ، އޭއެފްސީ ކަޕަށް އަޅާ ފިޔަވަޅުތައް މާ ރައްކާތެރިވާނެ ކަމަށް މިއަދު މަހްލޫފް ވިދާޅުވެފައި ވަނިކޮށެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއެކު މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން މިނިސްޓަރު ވިދާޅުވެފައި ވަނީ ކޮވިޑް-19 ފެތުރޭތީ އެހެން ދާއިރާތަކުން އަޅާފައިވާ ރައްކާތެރި ކަމުގެ ފިޔަވަޅުތަކަށް ވުރެ، ރާއްޖޭގައި ބާއްވާ އޭއެފްސީ ކަޕަށް އަޅާ ފިޔަވަޅުތައް މާ ބޮޑަށް ރަނގަޅުވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަަމަށެވެ.
އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާ ޒޯންގެ ގުރޫޕް ސްޓޭޖު މެޗުތައް އޮންނާނީ މި މަހު 14-20 އަށެވެ. ގުރޫޕް ސްޓޭޖު ހޯސްޓް ކުރުމުގެ ބިޑް ރާއްޖެއިން ކާމިޔާބުކުރީ އިންޑިއާއާ ވާދަކޮށެވެ.
ގުރޫޕް ސްޓޭޖުގެ ފަހު ޖާގަ ހޯދުމަށް، ރާއްޖޭގެ ކްލަބު އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު އެފްސީ ކުޅޭ ޕްލޭއޮފް މެޗު އަންނަ އަންގާރަ ދުވަހު މާލޭގައި ކުޅެން ވަނީ ތާވަލު ކޮށްފަ އެވެ. ކުރިން އިންޑިއާގައި ކުޅެން ހަމަޖެއްސި ޕްލޭއޮފް މެޗު ކަނޑައެޅިފައިވާ ތާރީޚުގައި ނުކުޅެވުމުން، އެ މެޗު ރާއްޖެ އަށް ބަދަލު ކުރުމަށް އޭއެފްސީން ވަނީ ނިންމައިފަ އެވެ. ގުރޫޕް ސްޓޭޖްގައި ކޮންމެ ޓީމެއް، ކޮންމެ ޓީމަކާ ދެކޮޅަށް ކުޅޭނީ އެއް ފަހަރު އެވެ. ގުރޫޕް ސްޓޭޖުން އޮޓަމެޓިކް ޖާގަ ކަށަވަރު ވެފައި ވަނީ ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ބަންގުލަދޭޝްގެ ބޮށުންދަރާ ކިންގްސް އަދި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އަށެވެ.