06 މެއި 2021 - 00:54

ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު މީގެ ކުރިން ނުވާ ވަރަށް ގޯސްވަމުންދާތީ ސިއްހީ ދާއިރާގެ ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބުނެފި އެވެ.
މިދިޔަ ހަތަރު ދުވަހު ވެސް ރާއްޖޭގައި ދުވާލަކަށް ކޮވިޑް ޖެހޭ މީހުންގެ އަދަދު ހުރީ ރިކޯޑު އަދަދުތަކެއްގަ އެވެ. އެގޮތުން މިރޭ ކޭސްތައް 700 އިން މައްޗަށް ވަނީ އަރައިފަ އެވެ. ނަމަވެސް ކޮވިޑްގެ ބަލި ބޮޑުވާ މީހުންނަށް ފަރުވާދޭ ޑީއެޗް11 އައިސީޔޫ ފުރިފައިވާއިރު މާލެ ސަރަހައްދުގެ އެހެން ފެސިލިޓީތަކަށް ވެސް ދަނީ ބާރު ބޮޑުވަމުންނެވެ.
އެކަމާ ގުޅޭ ގޮތުން ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް އަލިއަޅުވާލައި އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ކޮވިޑްގެ އާ ރާޅާއެކު ވަސީލަތްތައް އިތުރު ކުރަމުން އަންނަ ކަމަށާއި އިތުރު އައިސީޔޫ ފެސިލިޓީތައް ގާއިމްކޮށް އޮޕަރޭޝަނަލައިޒް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި 12 އެނދު ގާއިމް ކޮށްފައިވާ ކަމަށާއި މާދަމާ އިތުރު އަށް އެނދު ބަހައްޓައި، ބޭނުން ކުރަން ފަށާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ. އަދި ހުޅުމާލެ ހޮސްޕިޓަލުގައި ވަކި އިމާރާތެއް ގޮތުގައި 50 އެނދު އޮޕަރޭޝަނަލައިޒް ކުރުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
އައިސޮލޭޝަން ފެސިލިޓީއެއް ކަމަށްވާ ފަރުކޮޅުފުށި ވެސް ގާތްގަނޑަކަށް ފުރިފައިވާ ކަމަށާއި ފެސިލިޓީތައް ވެސް އިތުރު ކުރަން ޖެހޭ ކަމަށް މަބްރޫކް ވިދާޅުވި އެވެ. އެކަމާ ގުޅިގެން ވެލިދޫ އައިސޮލޭޝަން ފެސިލީޓި ހުޅުވައި އެތަން މާދަމާ އޮޕަރޭޝަނަށް ގެންނާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
"މެޑިކަލް ސްޓާފުން އިތުރު ކުރުމަށް ވޮލެންޓިއަރުން ހޯދުމަށް މަސައްކަތް ވެސް ކުރަމުން އެބަދޭ. އެއް އަހަރަށް ކޮންޓްރެކްޓް ސްޓާފުން އައިޖީއެމްއެޗަށް ނެގުމަށް ވެސް މަސައްކަތް ކުރަން. މީގެ އިތުރުން ރާއްޖެއިން ބޭރުން ވެސް އެއް އަހަރުގެ ކޮންޓްރެކްޓަށް ސްޓާފުން ލިބޭތޯ ބަލަމުން އެބަދޭ،" މަބްރޫކް ވިދާޅުވި އެވެ.
ކޮވިޑްގެ ހާލަތު ގޯސްވުމާ ގުޅިގެން ސަރުކާރުން އިތުރު ފިޔަވަޅުތައް އެޅުމާ ގުޅޭ މަޝްވަރާތައް މިރޭ ވެސް ކުރަމުން އަންނަ ކަމަށް މަބްރޫކް ވިދާޅުވި އެވެ. އެކަމާ ގުޅިގެން ރައީސް އިބްރާޙިމް މުހައްމަދު ސޯލިހާއި ހައިލެވަލް ބޭފުޅުން އައި ޓެގް ޓީމުން މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި މިހާރު މި ފެންނަ ކޮވިޑްގެ ޕޮޒިޓިވް އަދަދުތަކަކީ އާބާދީގެ ނިސްބަތުން ހައިރާންވާ ވަރުގެ ބޮޑެތި އަދަދުތަކެކެވެ. ބައެއް ޑޮކްޓަރުން މިހާރު ވެސް ވިދާޅުވާ ގޮތުގައި މާލެ ސަރަހައްދު މިހާރު އޮތީ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހޭ ހާލަތުގަ އެވެ.