05 މެއި 2021 - 22:35

ރާއްޖޭގައި ކޮވިޑް-19 އަށް މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވްވި މީހުންގެ އަދަދު 700 އަށް ވުރެ މަތިވެ، އެ ބަލީގެ ބިރު އިތުރަށް ބޮޑުވެއްޖެ އެވެ.
އިއްޔެގެ ހަވީރު 6 އިން މިއަދު ހަވީރު 6 އަށް ކޮވިޑަށް ޕޮޒިޓިވްވީ އެޗްޕީއޭގެ މިރޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 734 މީހެކެވެ. އޭގެ ތެރެއިން 540 މީހަކު ޕޮޒިޓިވްވީ މާލެ ސަރަހައްދުންނެވެ. މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެހެން ރަށްރަށުން ކޮވިޑަށް ޕޮޒިޓިވްވީ 186 މީހެކެވެ.
މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 540 މީހަކު ކޮވިޑަށް ޕޮޒިޓިވްވީ 4،787 ސާމްޕަލްގެ ތެރެއިންނެވެ. މިދިޔަ ހަފުތާއެއްގެ ތެރޭގައި ކޮންމެ ދުވަހަކު ޓެސްޓްކުރާ ސާމްޕަލްގެ އަދަދު ވެސް ވަނީ އިތުރުވެފަ އެވެ.
މިދިޔަ އެއް ހަފުތާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. މިދިޔަ އަންގާރަ ދުވަހުގެ ހަވީރު 6 އިން އިއްޔެގެ ހަވީރު 6 އަށް 601 މީހަކު ކޮވިޑަށް ޕޮޒިޓިވްވިއިރު މިއީ 133 މީހުންގެ އިތުރު ވުމެކެވެ.
މިރޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ކޮވިޑް ބަލީގެ 7،109 މީހަކު ރާއްޖޭގައި އެބަތިއްބެވެ. އެކްޓިވް ކޭސްތަކުގެ އަދަދު ވެސް ދުވަހުން ދުވަހަށް ދަނީ އިތުރުވަމުންނެވެ. އެޑްމިޓް ކޮށްގެން މިވަގުތު ފަރުވާދެނީ 198 މީހަކަށެވެ. ރާއްޖޭގައި މި ބަލީގައި މިހާތަނަށް މަރުވެފައި ވަނީ 74 މީހެކެވެ.
އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު ކޮންމެ ދުވަހަކު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ރޭޓަކީ 13.5 ޕަސެންޓެވެ. މި މަހުގެ މިހާތަނަށް 20,971 ސާމްޕަލް ޓެސްޓު ކޮށްފައިވާއިރު، 2,830 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ކޮންމެ ދުވަހަކު ރެކޯޑު އަދަދަކަށް މައްޗަށް ދާއިރު، އެ ބަލީގައި ހާލު ބޮޑުވެގެން ފަރުވާ ދިނުމަށް ދަރުމަވަންތަ ހޮސްޕިޓަލްގައި ގާއިމުކޮށްފައިވާ އައިސީޔޫ ވެސް ވަނީ ފުރިފަ އެވެ. އަދި ބައެއް މީހުންނަށް ފަރުވާދެނީ ވެސް ވެންޓިލޭޓަރުގަ އެވެ.
ކޮވިޑުގެ ހާލަތު ރާއްޖޭގައި ދުވަހަކު ވެސް ގޯސް ނުވާ ވަރަށް ގޯސްވުމުން، މިއަދުން ފެށިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ސަރުކާރުން ވަނީ އަޅައިފަ އެވެ. އޭގެ ތެރޭގައި ޕާކުތަކާއި ކުޅިވަރު ކުޅޭ ތަންތަން ބަންދުކުރުމާއި ދަންވަރު 12 އިން ފަތިހު 4 އަށް މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުން މަނާކުރުމާއި މާލެ ސަރަހައްދުގައި ހިންގަ ސަރުކާރުގެ އޮފީސްތައް ބަންދުކުރުން ހިމެނެ އެވެ.