05 މެއި 2021 - 21:38

ދެ ކުއްޖެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމަކަށްފަހު ކުޑަކުދިންގެ ހިޔާގައި އިއްޔެ އަލިފާން ރޯކޮށްލިކަމުގެ ތުހުމަތު ކުރަނިކޮށް އެ ތަނުގައި އަލިފާނުގެ އިތުރު ހާދިސާއެއް ހިނގައިފި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް، މޭޖަ އިބްރާހިމް އާޒިމް މިއަދު ވިދާޅުވީ ޓެރެސްމަތީގައި ހުރި ކުނިތަކެއްގައި ރޯވެގެން އިއްޔެ ހަވީރު 5:00 ހާއިރު ރިޕޯޓުކުރި ކަމަށެވެ. ފެން ޖަހާލުމަށްފަހު އެ ތަން ނިއްވާލާފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ.
އަލިފާނުގެ ކިތަންމެ ކުޑަ އަދި ތަނަކުން ދުން އަރައިގެން ރިޕޯޓުކުރި ނަމަވެސް އެމްއެންޑީއެފްގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން އެކަން އާއްމުކުރެ އެވެ. ނަމަވެސް ވިލިމާލޭގައި ހުންނަ ހިޔާގައި އެންމެ ފަހުން ހިނގި އަލިފާނުގެ ހާދިސާގެ އެއްވެސް ވާހަކައެއް އަދި ހާމައެއް ނުކުރެ އެވެ.
އެނގިފައިވާ ގޮތުގައި އިއްޔެ ހަވީރު ރޯވީ އަންހެން ކުދިން ތިބޭ ބައިގެ އެންމެ މަތީ ފްލޯގަ އެވެ. އެއީ ޑޮކިއުމަންޓުތަކާ އެކު އެއްޗެހި ރައްކާކޮށްފައި ހުރި ތަނެއް ކަމަށް ވެ އެވެ.
އިއްޔެގެ ފުރަތަމަ ހާދިސާ އަށް ފަހު ޖެންޑާ މިނިސްޓްރީން ބުނީ ފުރަތަމަ ފްލޯގައި ހުރި ކޮޓަރިއެއްގައި ރޯވިއަސް އެއްވެސް ކުއްޖަކަށް ގެއްލުމެއް ނުލިބޭ ކަމަށެވެ. އަދި އެ ކުދިން ތިބީ ރައްކާތެރިކަމާއެކު، މިނިސްޓްރީގެ ބެލުމުގެ ދަށުގައި ކަމަށް ވެސް ބުންޏެވެ.
ހިޔާގައި ބަލަހައްޓާ ދެ ފިރިހެން ކުއްޖެއްގެ މެދުގައި ހިނި މާރާމާރީއަކަށް ފަހު އެ ތަނުން އެއް ކުއްޖަކު، އެ ކުއްޖާ އުޅޭ ކޮޓަރި އަށް ވަނެވެ. އެ ތަނުން ނުކުތީ ރޯކޮށްލުމަށް ފަހު ދުންގަނޑު އެރުމުން ކަމަށް، އެކަމުގެ މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.