05 މެއި 2021 - 20:48

ކޮވިޑު-19 އަށް ޕޮޒިޓިވް މީހުންނަށް ފަރުވާ ދިނުގައި ވޮލެންޓިއާކޮށް މަސައްކަތްކޮށްދޭނެ ހެލްތު ޕްރޮފެޝަނަލުން ހޯދަން މިއަދު އިއުލާނުކޮށްފި އެވެ.
ހެލްތު މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ ބައްޔަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާ ދޭން ހިންގާ އޮޕަރޭޝަނުގައި ފަންނީ އިތުރު މުވައްޒަފުން ބޭނުންވެފައިވާ ކަމަށެވެ. އެކަމުގައި ވޮލެންޓިއާ ކުރަން ބޭނުންވާ ހެލްތު ޕްރޮފެޝަނަލުންގެ ވަނަވަރު[email protected]އަށް އީމެއިލްކުރަން އެދެ އެވެ.
"މި ފަދަ ކޮންމެ ހާލަތެއްގައި ހެލްތު ޕްރޮފެޝަނަލުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރު ދަންނަވަމެވެ،" އިއުލާނުގައި ބުންޏެވެ.
ބަލީގެ މީހުންނަށް ފަރުވާދޭނެ ފަންނީ މުވައްޒަފުން ހޯދަން އިއުލާނުކުރިއިރު، ކޮވިިޑުގެ ބިޔަ ރާޅާއެކު ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ މަސައްކަތްތައް ވަނީ ފުޅާކޮށްފަ އެވެ. މިއަދުން ފެށިގެން ނައިބު ރައީސް ފައިސަލް ނަސީމް އާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް އިސްވެ ހުންނަވައި ބައްދަލުވުންތައް ބާއްވާނެ އެވެ. އޭގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކޮންމެ ދުވަހަކު ވެސް ޕޮލިސީ ލެވަލްގެ ބައްދަލުވުންތައް އޮންލައިންކޮށް ބާއްވަވާނެ އެވެ.
މިދިޔަ މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބަށް ދިން ބޮޑެތި ލުއިތަކަށްފަހު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ރިކޯޑު މިންވަރަކަށް އިތުރުވެފަ އެވެ. ދުވާލަަކަށް ޕޮޒިޓިވްވާ އަދަދު 600 އިން މަތީގައި ހުރިއިރު، އަލުން ލޮކްޑައުންކޮށް ބޯޑަރު ބަންދު ކުރަން ފަސް ނުޖެހޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.