05 މެއި 2021 - 19:19

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ހޯދަން ފައިސާ ދެއްކި ވެންޓިލޭޓަރުތައް ނުލިބި، އެކަމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގި މައްސަލައިގެ ތުހުމަތަށް، މަގާމުން ވަކިކޮށްފައިވާ ހެލްތު މިނިސްޓްރީގެ ނައިބު މިނިސްޓަރު ޝިޔާމާ މުހައްމަދުގެ ސޮއި ފޯޖު ކޮށްފައިވާ ކަމަށް ވިދާޅުވެ، އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އޭނާ އެދިވަޑައިގެންފި އެވެ.
މިދިޔަ އަހަރު އޮގަސްޓް މަހުން ފެށިގެން މަގާމުން އެކަހެރި ކުރުމަށް ފަހު އިއްޔެ މަގާމުން ވަކިކޮށްފައިވާ ޝިޔާމާ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ވެންޓިލޭޓަރު ގަތުމަށް ދުބާއީގެ އެގްޒެކިއުޓާ ޖެނަރަލާ ހަވާލުކުރަން އޭނާ ސޮއި ކުރެއްވި ނަމަވެސް އޭނާއަށް ލިބިފައިވާ މެއިލް ކޮޕީގައި ސޮއި ފޯޖް ކޮށްފައިވާ ކަމަށް ސާފްކޮށް ފެންނަން ހުރި ކަމަށެވެ.
އެ މައްސަލަ ފުލުހަށް ހުށަހެޅުމުން ވެސް ބަލައިނުގަނެ ބޭރު ކޮށްލާފައިވާ ކަމަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގުގައި އެކަމާ ގުޅޭ ގޮތުން ތަކުރާރުކޮށް އަޑުއުފުލާފައިވާ ކަމަށް ޝިޔާމާ ވިދާޅުވި އެވެ.
"އެ މައްސަލައިގައި އެކަށީގެންވާ ފުރިހަމަ ޖިނާއީ ތަހުގީގެއް ކުރެވެން ޖެހޭ. އަޅުގަނޑުގެ އެއްބާރުލުން ތަހުގީގަށް ދޭނެ ވާހަކަ ދަންނަވަން،" ޝިޔާމާ ވިދާޅުވި އެވެ.
ޝިޔާމާ ވިދާޅުވި ގޮތުގައި މާލީ ބޮޑު މުއާމަލާތެއްގައި ދެ ފަރާތުގެ މެދުގައި އެއްބަސްވުމެއް ނެތި ފައިސާ ފޮނުވުމަކީ ފިނޭންސް މިނިސްޓްރީގެ އިހުމާލެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި އޭނާ ވަޒީފާއިން ވަކި ކުރުމަކީ ވެންޓިލޭޓަރުތައް ނުލިބުމުން ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލުގެ ހައްލުވުމެއް ނޫން ކަމަށް ވެސް ޝިޔާމާ ވިދާޅުވި އެވެ.
"ބޮޑު މުއާމަލާތް ފެށިގެން ނިމުމާއި ހަމައަށް ވެސް މީގައި މަސައްކަތް ކުރި އެކި ފަންތީގެ މުވައްޒިފުން ހިމެނޭ ގޮތުން އެކަށީގެންވާ ތަހުގީގެއް ހިންގަން ޖެހޭނެ ކަމަށް އަޅުގަނޑު ދެކެން،" ޝިޔާމާ ވިދާޅުވި އެވެ.
ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކުންފުންޏާ ހަވާލުކޮށްގެން 75 ވެންޓިލޭޓަރު ގަންނަން ސަރުކާރުން 30 މިލިއަން ރުފިޔާ ވަނީ ދައްކައިފަ އެވެ. ނަމަވެސް މިހާތަނަށް ލިބުނީ އެންމެ 10 ވެންޓިލޭޓަރެވެ. އަނެއް ބައި ލިބޭނެކަމުގެ ޔަގީންކަމެއް ސަރުކާރަކަށް ނެތެވެ.
ސަރުކާރުން މިހާރު ނިންމާފައި ވަނީ އެ މައްސަލަ އިންޓަނޭޝަނަލް އާބިޓްރޭޝަނަށް ހުށަހަޅައިގެން ފައިސާ އަނބުރާ ހޯދުމަށެވެ.