05 މެއި 2021 - 17:25

ކޮވިޑް-19 ގެ ބިރުވެރިކަން ބޮޑުވުމުން މިދިޔަ އަހަރު ސައޫދީ އަރަބިއްޔާ އިން، އެ ގައުމުގައި ތިބި މީހުން ފިޔަވައި އެހެން ގައުމުތަކުގެ މީހުންނަށް ހައްޖުގެ އަޅުކަމުގައި ބައިވެރިނުވެވޭ ގޮތަށް ހަމަޖެއްސި އުސޫލަށް މި އަހަރު ވެސް އަމަލުކޮށްފާނެ ކަމަށް އެކަމާ ބެހޭ މައުލޫމާތު ހުރި މީހުންނާ ހަވާލާދީ ރޮއިޓާސް ނިއުސް އެޖެންސީން ބުނެފި އެވެ.
ރޮއިޓާސް އިން ބުނީ ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ ސައޫދީގައި އުޅޭ، އެހެން ގައުމުތަކުގެ މީހުން ވެސް ހިމެނޭ ގޮތަށް، ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނާއި ކޮވިޑް ޖެހި ރަނގަޅުވިތާ ހަ މަސް ނުވާ މީހުންނަށް ކަމަށެވެ.
ނަމަވެސް މީގެ ތެރެއިން އަމަލުކުރާނީ ކޮން ގޮތަކަށް ކަމެއް އަދި ނުނިންމަ އެވެ.
ސައޫދީން އެންމެ ފުރަތަމަ ވިސްނީ ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވާ ނަމަ އެހެން ގައުމުތަކުން ވެސް މީހުން އައިސްގެން ހައްޖުގެ އަޅުކަން ކުރިއަށް ގެންދަން ކަމަށާއި އެކަމަކު އެކި ވެކްސިނުން ރައްކާތެރިކަން ލިބޭ މިންވަރާއި ކޮވިޑް ވައިރަސްގެ އެކި ވެރިއަންޓްތަކަށް ވެކްސިން މަސައްކަތްކުރާ ގޮތާ މެދު ސުވާލު އުފެދޭތީ އެ ވިސްނުން ދޫކޮށްލީ ކަމަށް ރޮއިޓާސް އިން ބުންޏެވެ. އެ ނިއުސް އެޖެންސީން ބުނީ މިކަމާ ބެހޭ ގޮތުން ސައޫދީ ސަރުކާރުގެ މީޑިއާ އިން ޖަވާބެއް ނުދިން ކަމަށެވެ.
މި އަހަރުގެ ހައްޖު ދުވަސް ދިމާވަނީ ޖުލައި މަހުގެ 19 ވަނަ ދުވަހަށެވެ.
މިދިޔަ އަހަރު ހައްޖުގެ އަޅުކަން ބާއްވާފައި ވަނީ ސައޫދީގައި ދިރިއުޅޭ މީހުންގެ ތެރެއިން ވަރަށް މަދު ބަޔަކު ބައިވެރިކޮށްގެންނެވެ. ކޮވިޑްގެ ނުރައްކާ ބޮޑުވުމުން އުމްރާގެ އަޅުކަން ވެސް މެދުކަނޑާލި އެވެ. އަދި ފަހުން ހާލަތު ރަނގަޅުވާން ފެށުމުން އުމްރާގެ އަޅުކަން ފަށައި އަޅުކަމުގައި ބައިވެރިވާން ފުރުސަތު ދޭ މީހުންގެ އަދަދު މަޑުމަޑުން އަންނަނީ އިތުރުކުރަމުންނެވެ. ނަމަވެސް ބައެއް ގައުމުތަކުގައި ކޮވިޑްގެ ނުރައްކާ އަނެއްކާވެސް ބޮޑުވުމުން ސައޫދީން ވެސް އަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށިކުރަމުންނެވެ.
ހައްޖުގެ އަޅުކަމަށް އާންމު ގޮތެއްގައި ދެ މިލިއަނަށް ވުރެ ގިނަ މީހުން މައްކާ އަށް ކޮންމެ އަހަރަކު ދެ އެވެ. އެކަމަކު މިދިޔަ އަހަރު ހައްޖުގެ އަޅުކަން ބޭއްވި އެ އަދަދު 10،000 އަށް ވުރެ އިތުރު ނުވާ ގޮތަށެވެ.