ކޮވިޑްގެ ރާޅާއެކު އެޗްއީއޯސީގެ އޮޕަރޭޝަންތައް ފުޅާކޮށްފި
ކޮވިޑްގެ ރާޅާއެކު އެޗްއީއޯސީގެ އޮޕަރޭޝަންތައް ފުޅާކޮށްފި

ރާއްޖޭގައި އަނެއްކާވެސް ބާރު މިނެއްގައި ކޮވިޑް-19 ފެތުރެން ފެށުމާއެކު ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ އޮޕަރޭޝަންތައް ފުޅާކޮށްފި އެވެ.

އެޗްއީއޯސީ އިން މިއަދު ބުނީ ކޮރޯނާ ވައިރަހުގެ އާ ރާޅާއެކު އެ ސެންޓަރުގެ އޮޕަރޭޝަންތައް ފުޅާ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިރުޝާދު ދެއްވާފައިވާ ކަމަށެވެ.

އެގޮތުން މިއަދުން ފެށިގެން ނައިބު ރައީސް ފައިސަލް ނަސީމް އާއި ހެލްތު މިނިސްޓަރު އިސްވެ ހުންނަވައި، ދަރުބާރުގޭގައި ކޮންމެ ދުވަހަކު ބައްދަލުވުންތައް ބާއްވާނެ ކަމަށް އެޗްއީއޯސީއިން ބުންޏެވެ. އެ ބައްދަލުވުންތަކުގައި ކަމާބެހޭ ވަޒީރުން ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް އެ ސެންޓަރުން ބުންޏެވެ.

މީގެ އިތުރުން ޕޮލިސީ ލެވަލްގެ ބައްދަލުވުންތައް ރައީސް ކޮންމެ ދުވަހަކު އޮންލައިން ކޮށް ބާއްވާނެ ކަމަށާއި ހެލްތު އެމަޖެންސީ ކޯޑިނޭޝަން ކޮމިޓީ (އެޗްއީސީސީ)ގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެ ސެންޓަރުން ބުންޏެވެ.

ކޮންމެ ދުވަހަކު ޕޮލިސީ ލެވަލްގެ ބައްދަލުވުންތައް ބާއްވައިގެން އެޗްއީއޯސީގެ އޮޕަރޭޝަންތައް އެންމެ ފަހުން ކުރިޔަށް ގެންގޮސްފައި ވަނީ މިދިޔަ އަހަރު އޭޕްރިލް މަހު ކޮވިޑް-19 ގެ ހާލަތު ގޯސްވެ، މާލެ ލޮކްޑައުން ކުރި ހިސާބުން ފެށިގެނެވެ.

މިހާރު ހާލަތު އެއަށް ވުރެ ގޯސްވެ، ދުވާލަަކަށް ޕޮޒިޓިވްވާ އަދަދު 600 އިން މަތީގައި ހުރިއިރު، އަލުން ލޮކްޑައުންކޮށް ބޯޑަރު ބަންދު ކުރަން ފަސް ނުޖެހޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.