06 މެއި 2021 - 08:30

ކެރިއަރު މިހާތަނަށް ގޮސްފައިވާ ގޮތާ ދޭތެރޭ ހިތްހަމަނުޖެހޭ ކަމަށާއި އަލުން ކެރިއަރު ބައްޓަންކުރަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ބަތަލާ އިލިއާނާ ޑި ކްރޫޒް ބުނެފި އެވެ.
އުމުރުން 34 އަހަރުގެ ބަތަލާ ބޮލީވުޑަށް ނުކުތީ 2012 ގައި ރަންބީރް ކަޕޫރާއި ޕްރިޔަންކާ ޗޯޕްރާއާ އެކު ކުޅުނު "ބަރްފީ" އިންނެވެ. އެކަމަކު އޭގެ ކުރިން ވެސް އިލިއާނާ އަކީ އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ މަޝްހޫރު ބަތަލާއެކެވެ. ގިނަ ފިލްމުތަކެއް ކުޅެފައިވެ އެވެ.
ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި އިލިއާނާ ބުނީ ކެރިއަރު އެންމެ ހިތް އެދޭ ގޮތަށް ބައްޓަންވެފައި ނެތީ އަމިއްލަ ނަފުސަށް ކުރާ އިތުބާރު ކުޑަކަމުން ކަމަށް ވެދާނެ އެވެ. އެހެންވެ އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ބޮޑުކޮށް، ކޮންމެ ކަމަކީ ވެސް ކުރެވޭނެ ކަމެއްކަން އަމިއްލަ އަށް ގަބޫލުކުރަން ޖެހޭ ކަމަށް ބުންޏެވެ.
"ގޯސްތަކެއް ހެދިފައި ހުރީމަ ކެރިއަރާ ދޭތެރޭ އަހަރެން އެހާ ހިތްހަމަނުޖެހެނީ. ބައެއް ފަހަރު ވާ ގޮތަކީ ދެކުނުގެ ފިލްމުތަކަށް އިސްކަންދެވޭލެއް ބޮޑިއްޔާ ބޮލީވުޑްގެ ފިލްމުތަކަށް ވަގުތު ދެވޭލެއް ކުޑަ،" އޭނާ ބުންޏެވެ.
އިލިއާނާ ބުނި ގޮތުގައި މިހާތަނަށް ދެކުނުގެ ގިނަ ފިލްމުތަކެއް ކުޅެފައިވާ އިރު އޭގެ ތެރޭގައި ވަރަށް ކަމުނުދާ ފިލްމުތަކާއި ވަރަށް ރަނގަޅު ފިލްމުތަކެއް ވެސް ހިމެނެ އެވެ.
"މިހާރު އެބަޖެހޭ ފިލްމެއް ޗޫޒްކުރާ އިރު ކުރިއަށް ވުރެ ބޮޑަށް ވިސްނަން. ރަނގަޅު ނޫން ފިލްމުތައް ޗޫޒްކުރެވިގެން އެބަހުރި ވަރަށް ގިނަ ކަންކަމާ ކުރިމަތިލާން ޖެހިފައި،" އޭނާ ބުންޏެވެ. "ބައެއް ފަހަރު އަހަންނަށް ވާ ގޮތަކީ އަދިވެސް ބޮލީވުޑާ މެދު ޖެހިލުންތަކެއް ހުންނަނީ. އެހެންވީމަ އޮފާތަކާ ދޭތެރޭ ވެސް އެހާ ބޮޑަކަށް ނުވިސްނޭ."
އިލިއާނާ ކުޅެފައިވާ ހިންދީ ފިލްމުތަކުގެ ތެރޭގައި ސައިފް އަލީ ޚާންގެ "ހެޕީ އެންޑިން" އާއި ވަރުން ދަވަންގެ "މޭ ތޭރާ ހީރޯ" އާއި އަކްޝޭ ކުމާރުގެ "ރުސްތުމް" އާއި އަޖޭ ދޭވްގަންގެ "ބާދްޝާހޯ" އާއި "ރެއިޑް" ފަދަ ފިލްމުތައް ހިމެނެ އެވެ.
އިލިއާނާގެ އެންމެ ފަހުގެ ހިންދީ ފިލްމަކީ ދާދި ފަހުން ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރި އަބީޝެކް ބައްޗަންގެ "ދަ ބިގް ބުލް" އެވެ.
އޭނާގެ ކުރިއަށް އޮތް ހިންދީ ފިލްމަކީ ރަންދީޕް ހޫޑާއާ އެކު ކުޅެފައިވާ "އަންފެއާ އެންޑް ލަވްލީ" އެވެ. ރިޕޯޓްތައް ބުނާގޮތުން އަޖޭ ދޭވްގަންގެ އަލަތު ވެބް ސީރީޒް "ރުދުރާ" ގެ ބަތަލާ އަކީ ވެސް އިލިއާނާ އެވެ.