ބްރޯޑްކޮމްގެ މެމްބަރުކަމަށް ޝިފްލާ އައްޔަންކުރައްވައިފި
ބްރޯޑްކޮމްގެ މެމްބަރުކަމަށް ޝިފްލާ އައްޔަންކުރައްވައިފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރުކަމުގެ މަގާމަށް ނޫސްވެރިޔާ އަދި ޓީވީ ޕްރެޒެންޓަރު ޝިފްލާ އިބްރާހީމް މިއަދު އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މެންދުރުކުރިން ބޭއްވި ރަސްމިއްޔާތެއްގައި އޭނާ އެ މަގާމަށް އައްޔަންކުރެއްވިއިރު މަޖިލީހުން ބްރޯޑްކޮމްގެ މެމްބަރު ކަމަށް ޝިފްލާ ގެންނަން ރުހުންދިނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ.

އެންމެ ފަހުން ބްރޯޑްކޮމްގެ މެމްބަރު ކަމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ޝިފްލާގެ އިތުރުން ދެ ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުއްވައިފަ އެވެ. އެކަމަކު މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީން ދިރާސާކޮށް، އެ ތިން ބޭފުޅުންނާ އިންޓަވިއު ކުރެއްވުމަށް ފަހު ނިންމީ ހަމައެކަނި ޝިފްލާ އައްޔަންކުރަން ފެންނަ ކަމަށެވެ.

މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ޝިފްލާ ވަނީ ބްރޯޑްކޮމްގެ މެމްބަރު ކަމަށް ކުރިމަތިލައްވައިފަ އެވެ. އެ ދެ ފަހަރު ވެސް ކޮމިޓީން ރުހުން ދިން ނަމަވެސް މަޖިލީހުން އޭނާގެ ނަން ފާސްކޮށްފައެއް ނުވެ އެވެ.

ޝިފްލާ ވަނީ ބްރޯޑްކާސްޓިން ޖާނަލިޒަމްގެ ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކުރައްވައިފަ އެވެ. އެންމެ ފުރަތަމަ ނިއުސް ޕްރެޒެންޓަރެއްގެ ގޮތުގައި އަދި ފަހުން ނޫސްވެރިއެއްގެ ގޮތުގައި ޓީވީއެމްގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރެއްވުމަށް ފަހު މިހާރު އުޅުއްވަނީ ސަންގު ޓީވީގަ އެވެ.

އޭނާ ވަނީ ނޫސްވެރިކަމުގެ ދާއިރާ އިން ރާއްޖޭގެ ގައުމީ ޔުނިވާސިޓީން ބެޗެލާސް ޑިގްރީ އަދި އިސްލާމީ ޔުނިވާސިޓީން މާސްޓާސް ޑިގްރީ ހާސިލްކުރައްވައިފަ އެވެ.

ބްރޯޑްކޮމްއަކީ ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ. ޝިފްލާ ބްރޯޑްކޮމްގެ މެމްބަރު ކަމަށް އައްޔަން ކުރައްވާފައި މިވަނީ އެ ކޮމިޝަންގެ މެމްބަރު އާމިނަތު ތަރާހަތު އިއްޒަތުގެ މަގާމުގެ މުއްދަތު ހަމަވުމުންނެވެ.