"ކަރްމާ" އަކީ ރަންބީރް ކަޕޫރް ކުޅެފައިވާ ކުރު ފިލްމެއް
"ކަރްމާ" އަކީ ރަންބީރް ކަޕޫރް ކުޅެފައިވާ ކުރު ފިލްމެއް

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންބީރް ކަޕޫރް ކުޅެފައިވާ ކުރު ފިލްމެއް ބުދަ ދުވަހު އޮންލައިންކޮށް ފެށި ބަންޑްރާ ފިލްމު ފެސްޓިވަލް (ބީއެފްއެފް) ގައި ދައްކާލައިފި އެވެ.

ޔޫޓިއުބާ ގުޅިގެން ކުރިއަށް ގެންދާ މި ފެސްޓިވަލްގެ "އަ ޕޮއިންޓް އެކްރޮސް" ކެޓަގަރީގައި ދެއްކި ރަންބީރްގެ ކުރު ފިލްމަކީ އޭނާ ރަސްމީކޮށް ބޮލީވުޑަށް ވެސް ނުކުތުމުގެ ކުރިން ކުޅެފައިވާ 26 މިނިޓްގެ "ކަރްމާ" އެވެ. އަބޭ ޗޯޕްޅާ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ މަރުގެ އަދަބު ދިނުމާ ބެހޭ ގޮތުން ހަދާފައިވާ އެއްޗެކެވެ. ފިލްމުގައި ރަންބީރް ކުޅެފައި ވަނީ ގައިދީއެއްގެ ރޯލެވެ.

އަބޭ އަކީ "ބާގްބާން" އާއި "ބާބުލް" ފަދަ ފިލްމުތައް ގެނެސްދިން ކުރީގެ ޑައިރެކްޓަރު ރަވީ ޗޯޕްޅާގެ ދަރިއެކެވެ. ކަރަން ޖޯހަރްގެ ދަރުމާ އާއި ޝާހްރުކް ޚާންގެ ރެޑް ޗިލީޒް އެންޓަޓައިންމަންޓުން 2017 ގައި ގެނެސްދިން "އިއްތިފާގު" އަކީ އަބޭ ޑައިރެކްޓްކުރި ފިލްމެކެވެ.

އޭނާގެ ކުރު ފިލްމު "ކަރްމާ" ގައި ރަންބީރާ އެކު ޝަރަތު ސަކްސޭނާ އާއި މިލިންދި ޖޯޝީގެ އިތުރުން ސުޝޯވަން ބެނަޖީ ހިމެނެ އެވެ.

ފިލްމާ ބެހޭ ގޮތުން އަބޭ ބުނީ ރަންބީރް އެއަށް ކޮށްފައިވާ މަސައްކަތްތަކާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އެ ފިލްމަކި އެތައް ހަނދާނެއް ވެސް ގުޅިފައިވާ އެއްޗެއްކަމުން އެހާ ދުވަސްކޮށްފައި އާންމުންނާ ހަމައަށް ފިލްމު އައުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ބުންޏެވެ.

ރަންބީރް ބޮލީވުޑަށް ނުކުތީ ސޯނަމް ކަޕޫރާ އެކު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ސާވަރިޔާ" އިން 2007 ގަ އެވެ. އޭގެ ފަހުން އޭނާ ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އިރު ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭފައި "ޝަމްޝޭރާ" އާއި "ބުރައްމަސްތުރާ" އާއި "އެނިމަލް" އަދި ނަން އިއުލާން ނުކުރާ ޑައިރެކްޓަރު ލަވް ރަންޖަންގެ ފިލްމެއް ހިމެނެ އެވެ.