އިދިކޮޅުން މަގުމަތީގެ ހަރަކާތް މަޑުޖައްސައިލީ ރޯދަމަހުގެ ފަހު ދިހައަކަށް: އާދަމް ޝަރީފް
އިދިކޮޅުން މަގުމަތީގެ ހަރަކާތް މަޑުޖައްސައިލީ ރޯދަމަހުގެ ފަހު ދިހައަކަށް: އާދަމް ޝަރީފް

މަނީ ލޯންޑަރިންގެ މައްސަލައެއް ސާބިތުވެ، ފަސް އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަގުތީ ގޮތުން ގެއަށް ބަދަލުކުރި ފަހުން އިދިކޮޅު ކޯލިޝަންގެ މަގުމަތީގެ ހަރަކާތްތައް ހުއްޓައިލީ މި ރޯދަމަހުގެ ފަހު 10 އަކަށް ކަމަށް އެ ކޯލިޝަނުން މިއަދު ބުނެފި އެވެ.

ޔާމީން، މިދިޔަ މަހުގެ 29 ގައި ގެއަށް ބަދަލުކުރީ، މާފުށީ ޖަލުގައި ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރެމުންދާތީ ކަމަށް މޯލްޑިވްސް ކަރެކްޝަންސް އިން ކުރިން ބުނެފައިވެ އެވެ.

ޔާމީން ޖަލަށްލުމާއެކު، އެ މަނިކުފާނު މިނިވަންކުރަން ގޮވާލައި އިދިކޮޅު ޕީޕީއެމް/ޕީއެންސީން މަގުމަތީގެ އިހުތިޖާޖުތައް ފެށި އެވެ. ޔާމީން ގެ އަށް ބަދަލުކުރުމާ ހަމައަށް ވެސް އެ ހަރަކާތްތައް ކުރިއަށް ގެންދިޔަ އެވެ. ވަކިން ހާއްސަކޮށް މި ކޮވިޑްގެ ތެރޭގައި ތަފާތު ނަންނަމުގައި މަގުމަތީ ހަރަކާތްތައް ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ބޭއްވި އެވެ.

ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރޯދަމަހުގެ ފަހު 10 އަކަށް އިދިކޮޅުގެ މަގުމަތީގެ ހަރަކާތްތައް ހުއްޓާލި ނަމަވެސް ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ސޯޝަލް މީޑިއާގައި މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ. އަދި މިދިޔަ މަހުގެ 10 ގައި ބޭއްވި ލޯކަލް ކައުންސިލްތަކުގައި އިންތިހާބުގައި މާވަށު ދާއިރާގެ ވޯޓު ފޮއްޓަށް ސަރުކާރުން ނުފޫޒު ފޯރުވާތީ، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އިދިކޮޅުގެ ލީޑަޝިޕުން އިލެކްޝަންސް ކޮމިޝަނަށް ވެސް ދިޔަ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

ކޮވިޑާ ގުޅިގެން ފަސް މީހުންނަށް ވުރެ ގިނައިން އެއްވުން މަނާކޮށްފައި އޮތަސް އިދިކޮޅުން އައީ ހަރަކާތްތައް ބާއްވަމުންނެވެ. އެ ހަރަކާތްތަކަށް ފުލުހުން ހުރަސް ވެސް އަޅަ އެވެ. އަދި ބައެެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ގެންދެ އެވެ. މިގޮތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މީހުން ދޫކުރަނީ އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވާތީ ޖޫރިމަނާ ކުރުމަށް ފަހު އެވެ.