17 ނޮވެމްބަރ 2016 - 13:27

ކުއާލަ ލަމްޕޫރު (ނޮވެމްބަރު 17) - މެލޭޝިއާ ސަރުކާރާ ދެކޮޅަށް ހޮނިހިރު ދުވަހު ބާއްވަން ރާވަމުންދާ މުޒާހަރާއާ ދިމާކޮށް ބޮޑު ވަޒީރު ނަޖީބު ރައްޒާގު އިންޒާރު ދެއްވައިފި އެވެ.

އިދިކޮޅު ފަރާތްތަކާއި ބައެއް އެންޖީއޯތައް ގުޅިފައިވާ ބާސިހު އިން އިސްނަގައިގެން އެއްވުމެއް ބާއްވަނީ ނަޖީބުގެ އިސްތިއުފާ އަށް ގޮވާލުމަށެވެ. ބާސިހުން ވަނީ ސަރުކާރާ ދެކޮޅު ފަރާތްތަކުން ރީނދޫ ޓީޝާޓުގައި ހޮނިހިރު ދުވަހު ކުއާލަ ލަމްޕޫރަށް ޖަމާވުމަށް ގޮވާލައިފަ އެވެ. އަދި ނަޖީބަށާއި ވެރިކަންކުރާ ޔުނައިޓެޑް މެލޭސް ނޭޝަނަލް އޮގަނައިޒޭޝަން އަށް ތާއީދުކުރާ "ރަތް ޓީޝާޓް" ގްރޫޕުން ވަނީ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރާ ފަރާތްތަކާ ކުރިމަތިލާނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ. ރަތް ޓީޝާޓް ލީޑަރު ޖަމާލް ޔޫނުސް ވިދާޅުވީ މުޒާހަރާގައި ކޮންމެފަދަ ގޮތަކަށް ވެސް ކަންތައް ވެގެން ހިނގައިދާނެ ކަމަށެވެ. ފުލުހުން ވެސް ވަނީ ކަރުނަ ގޭހާއި ފެން ބަޑި ބޭނުން ކުރާނެ ކަމަށް ބުނެފަ އެވެ.
ނަޖީބު މިއަދު ވިދާޅުވީ އިދިކޮޅު މުޒާހަރާގައި އެއްވެސް ހަމަނުޖެހުމެއް ހިންގަން ފުރުސަތު ނުދޭނެ ކަމަށާއި އެއީ މެލޭޝިއާގެ މުޖްތަމައާ ގުޅޭ ކަމެއް ވެސް ނޫން ކަމަށެވެ.
"އެއް ފަރާތުން ބޭނުން ވަނީ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަން. އަނެއް ފަރާތުން ބޭނުން ވަނީ ސަރުކާރު ދިފާއު ކުރަން. އެއްވެސް ބަޔަކު ކުރިމަތިލުމެއް ހިންގާކަށް ބޭނުމެއް ނުވޭ،" ޖަޕާނަށް މިހާރު ވަޑައިގެން އުޅުއްވާ ނަޖީބު ވިދާޅުވި އެވެ.
ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަނީ މެލޭޝިއާގެ އިންވެސްޓްމެންޓް ބޭންކް 1އެމްޑީބީގެ ޚިޔާނާތުގެ މައްސަލައިގައި ނަޖީބުގެ އެކައުންޓަށް ވެސް ފައިސާ ޖަމާކޮށްފައިވާ މައްސަލައިގަ އެވެ. މެލޭޝިއާގެ އެޓާނީ ޖެނެރަލް އެ މައްސަލަ ބެލުމަށް ފަހު ނިންމާފައި ވަނީ ނަޖީބުގެ އެކައުންޓަށް ޖަމާކޮށްފައި ވަނީ ސައުދީ ޝާހީ އާއިލާ އިން ދިން ހަދިޔާއެއް ކަމަށެވެ. ނަޖީބު ވެސް ވިދާޅުވެފައި ވަނީ ސަރުކާރުގެ ފައިސާގައި ޖެހިފައި ނުވާނެ ކަމަށްވެ. 1އެމްޑީބީގެ ޚިޔާނާތުގެ މައްސަލަ ދުނިޔޭގެ ބައެއް ގައުމުތަކުން ވެސް ދަނީ ތަހުގީގު ކުރަމުންނެވެ.
ނަޖީބު ވެރިކަމުން ދުރުކުރަން ކެމްޕޭން ކުރަމުންދާ މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު މަހާތިރު މުހައްމަދު ޕޯސްޓްކޮށްފައިވާ ދެ މިނިޓުގެ ވީޑިއޯއެއްގައި ވަނީ "ގައުމު މިހާރު އޮތީ ބިރުވެރިކަމެއްގެ ތެރޭގައި" ކަމަށް ވިދާޅުވެފަ އެވެ.