ކޮންޓްރެކްޓް އާކުރުމުގެ ވާހަކަ ދައްކާކަށް ޓުޗެލް އަށް ވަގުތެއް ނެތް
ކޮންޓްރެކްޓް އާކުރުމުގެ ވާހަކަ ދައްކާކަށް ޓުޗެލް އަށް ވަގުތެއް ނެތް

ލަންޑަން (5 މެއި) - ކޮންޓްރެކްޓް އާ ކުރުމުގެ ވާހަކަތައް ދައްކާކަށް އޭނާއަށް ވަގުތެއް ނެތް ކަމަށާއި އަދި މިވަގުތަށް އެކަން މުހިންމު ވެސް ނުވާކަމަށް ޗެލްސީގެ ކޯޗް ތޯމަސް ޓުޗެލް ބުނެފި އެވެ.

ފްރޭންކް ލަމްޕާޑް ކޯޗް ކަމުން ވަކި ކުރުމަށް ފަހު، ޖަނަވަރީ މަހު ޗެލްސީގެ ކޯޗް ކަމަށް ޕީއެސްޖީގެ ކުރީގެ ކޯޗް ހަމަޖެއްސީ 18 މަސް ދުވަހުގެ ކޮންޓްރެކްޓަކަށެވެ. އަންނަ ސީޒަންގައި އޭނާގެ ކޮންޓްރެކްޓް ހަމަވާނެ އެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، ޗެލްސީގެ ކޮންޓްރެކްޓް އާ ކުރުމަށް ޓުޗެލް ދަނީ ތައްޔާރު ވަމުންނެވެ. އެހެންނަމަވެސް ޓުޗެލްގެ ވާހަކަ ތަފާތެވެ.

"ވަގުތެއް ނެތް. އެ ވާހަކަތައް ދައްކާކަށް ވަގުތެއް ވެސް ނެތް. އަދި މިވަގުތަށް އެކަން މުހިންމެއް ވެސް ނޫން." ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި މިރޭ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ ދެ ވަނަ ލެގް މެޗުގެ ކުރިން ވާހަކަ ދައްކަމުން ޓުޗެލް ބުންޏެވެ.

ލަންޑަންގެ ސްޓެމްފޯޑް ބްރިޖުގައި މިރޭ ކުޅޭ މެޗަށް ނުކުންނައިރު އެޑްވާންޓޭޖް އޮތީ ޗެލްސީ އަށެވެ. ލަނޑެއް ނުވަދެ މެޗު އެއްވަރު ކޮށްލިޔަސް ފައިނަލަށް ދާނީ އެ ޓީމެވެ. އެއީ މެޑްރިޑްގައި ކުޅުނު މެޗު 1-1 އެއްވަރުވީިއިރު ރަށުން ބޭރުގައި ޖެހި ގޯލްގެ އެޑްވާންޓޭޖު އޮތުމުންނެވެ.

މިރޭގެ މެޗަށް ނުކުންނައިރު، ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް ވަނީ ޓީމާ ގުޅިފަ އެވެ. އަނިޔާގެ ސަބަބުން މާޗް މަހު ފަހު ކޮޅުން ފެށިގެން އޭނާ ހުރީ ކުޅުމާ ދުރުގަ އެވެ. މިހާރު މުޅިން ފިޓްވެ އޭނާ ހުރީ މިރޭގެ މެޗަށް ތައްޔާރު ވެފައި ކަމަށް ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން ބުންޏެވެ.

ޓްޗެލް ބުނީ، ރޯމާސް ހުރުމަކީ ޗެލްސީއިން އިތުރަށް ސަމާލުވާން ޖެހޭނެ ކަމެއް ކަމަށެވެ. އޭނާ ހުންނައިރު ރެއާލް ތަފާތު ވާނެ ކަމަށް ޓުޗެލް ބުންޏެވެ.

"ކެޕްޓަން ދަނޑު މަތީގައި ހުންނައިރު ތަފާތު ވާނެ،" ރާމޯސް އާ ބެހޭގޮތުން ވާހަކަ ދައްކަމުން ޓުޗެލް ބުންޏެވެ. "ޔޫރަޕްގެ އެންމެ ކާމިޔާބު ކްލަބުގެ ކެޕްޓަން ހުންނައިރު ތަފާތު ވާނެ. އަހަންނަށް ހީވަނީ ފުރަތަމަ 11 ގައި އޭނާ ކުޅެން ނުކުންނާނެ ހެން. އަހަރެމެން ނުކުންނާނީ އެކަމަށް ތައްޔާރު ވެގެން. އަދި އަހަރެމެން ޖެހޭނެ އޭނާ އެކަނި އެކަން ނުކުރެވޭނެ ކަން ކަށަވަރު ކުރަން."

ޗެލްސީ އާއި ރެއާލް ކުޅޭ މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ 12:00 ގަ އެވެ. ޕީއެސްޖީ ބަލިކޮށް މެންޗެސްޓާ ސިޓީ ވަނީ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދާފަ އެވެ.