05 މެއި 2021 - 11:41

ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީގެ މަގާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމުގައި ހުންނެވި އަހުމަދު ހަމްދާން މިއަދު ހަމަޖައްސަވައިފި އެވެ. އެއީ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގެ މަގާމެކެވެ.
ވަޒީރުންގެ މަޖިލީހަށް ގެނައި ބަދަލުގެ ތެރެއިން، ހަމްދާން ޕޮލިސީ ސެކްރެޓަރީގެ މަގާމަށް ބަދަލުކުރެއްވިއިރު އޭނާ ކުރިން ހުންނެވި އަންޑާ ސެކްރެޓަރީގެ މަގާމަކީ ޑެޕިއުޓީ މިނިސްޓަރުން ފެންވަރުގެ މަގާމެކެވެ.
ހަމްދާން ވަނީ އޮސްޓްރޭލިއަން ނޭޝަނަލް ޔުނިވާސިޓީ އިން ބެޗްލާސް އޮފް އާޓްސް އިން ޕޮލިސީ ސްޓަޑީސް ޔުނިވާސިޓީ އޮފް މެންޗެސްޓާ އިން މާސްޓާސް އޮފް އާޓްސް، ޑިމޮކްރަސީ އެންޑް އިލެކްޝަންސް އިން ތައުލީމު ހާސިލުކުރައްވައިފަ އެވެ.
- ބްރިޓިޝް ހައި ކޮމިޝަން - މޯލްޑިވްސް ޕޮލިޓިކަލް އޮފިސަރު
- ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމު (2015-2016) - ޕްރޮޖެކްޓް ކޯޑިނޭޓާ
- އިންޓަނޭޝަނަލް ފައުންޑޭޝަން ފޯ އިލެކްޓޯރަލް ސިސްޓަމްސް (2014- 2015) - ޕްރޮޖެކްޓް އޮފިސަރު
- ރައީިސް އޮފީސް (2009-2011) - ޕްރޮޓޮކޯލް އެސިސްޓެންޓް
- މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (2008-2009) - އެސިސްޓެންޓް ފިނޭންސް އޮފިސަރު
- ރޯޔަލް އައިލެންޑް އެންޑް ސްޕާ (2005) - އެކައުންޓް އެސިސްޓަންޓް
ޕޮލިސީ ސެކްރެޓަރީގެ މަގާމުގައި ކުރިން ހުންނެވީ އައިމިނަތު ޝައުނާ އެވެ. އެކަމަކު، ވަޒީރުންގެ މަޖިލީހަށް ގެނައި ބަދަލުގެ ތެރެއިން، ޝައުނާ ވަނީ، އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު ކަމުގެ މަގާމަށް މިއަދު އައްޔަންކުރައްވައިފަ އެވެ.
އެންވަޔަރަމަންޓް މިނިސްޓަރުގެ މަގާމުގައި ކުރިން ހުންނެވި، ޑރ. ހުސެއިން ރަޝީދު ހަސަން، ފިޝަރީޒް މިނިސްޓަރުގެ މަގާމަށް ވަނީ ބަދަލުކުރައްވަައިފަ އެވެ. އަދި ކުރިން ފިޝަރީޒް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޒަހާ ވަހީދު، އެ މަގާމުން ވަކިކޮށް ބަދަލުކުރެއްވީ، ރައީިސް އޮފީހުގެ މިނިސްޓަރުކަމުގެ މަގާމަށް ކަމަށް ވެ އެވެ.
ރައީސް އޮފީހުން ވަނީ، ޓެކްނޮލޮޖީ މިނިސްޓްރީ އާއި އެންވަޔަރަމަންޓް މިނިސްޓްރީ އެއްކޮށްލައިފަ އެވެ. ކުރިން ޓެކްނޮލޮޖީ މިނިސްޓަރުގެ މަގާމުގައި ހުންނެވި، މަލީހު ޖަމާލުގެ އިތުބާރު ނެތް ކަމަށް ނިންމައި، މަގާމުން ވަކިކުރީ ރައްޔިތުންގެ މަޖިލީހުންނެވެ.