އެސްބީއައި ކައިރީގައި ބަޔަކު ރޯކޮށްލި ކަމަށް ތުހުމަތުކުރެވޭނެ ހެއްކެއް ނެތުމުން މައްސަލަ ފައިލްކޮށްފި
އެސްބީއައި ކައިރީގައި ބަޔަކު ރޯކޮށްލި ކަމަށް ތުހުމަތުކުރެވޭނެ ހެއްކެއް ނެތުމުން މައްސަލަ ފައިލްކޮށްފި

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ހިންގާ އިމާރާތް ކައިރީގައި ހުރި ކެފޭއެއްގައި މިދިޔަ އަހަރު ހިނގި އަލިފާނުގެ ހާދިސާ އަކީ ބަޔަކު ގަސްދުގައި ހިންގި އަމަލެއް ކަމަށް ތުހުމަތުކުރެވޭނެ ހެއްކެއް ނެތުމުން މައްސަލަ ފައިލްކޮށްފި އެވެ.

އެސްބީއައި ކައިރީގައި ބަޔަކު ރޯކޮށްލި ކަމަށް ތުހުމަތުކުރެވޭނެ ހެއްކެއް ނެތުމުން މައްސަލަ ފައިލްކޮށްފި
އެސްބީއައި ކައިރީގައި ބަޔަކު ރޯކޮށްލި ކަމަށް ތުހުމަތުކުރެވޭނެ ހެއްކެއް ނެތުމުން މައްސަލަ ފައިލްކޮށްފި

ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ، އޮގަސްޓް 28، 2020 ގައި ބޮޑުތަކުރުފާނު މަގުގައި ހުންނަ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ގެންދިޔަ ތަހުގީގުން ގަސްދުގައި ކުރިކަމެއް ކަމަށް ބެލެވޭނެ އެއްވެސް ހެއްކެއް ނެތް ކަމަށެވެ.

އެންމެ ފުރަތަމަ އަލިފާން ރޯވީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ކެފޭ ޓިއޯލޯގަ އެވެ. އެ ކެފޭގެ ވެރިޔާ ހަސަން ދީދީ "މިހާރު" އަށް ކުރިން ބުނީ އަލިފާން ރޯވީ ފުރަތަމަ ބުރީގައި ކަމަށާއި އެ ތަނުގައި އަލިފާން ހިފާނެ ޒާތުގެ އެއްޗެއް ނެތުމުން ބެލެވެނީ ބަޔަކު ގަސްދުގައި ކުރި ކަމެއް ކަމަށެވެ.

އަލިފާން ރޯވިއިރު ކެފޭ ހުރީ އެ ރޭ ވިޔަފާރި ނިންމުމަށްފަހު ބަންދުކޮށް އެތެރެއިން ތަޅުލައިފަ އެވެ. އެތެރޭގައި އެ ވަގުތު ހުރީ ކޮންމެ ރެއަކު ވެސް ޑިއުޓީ އަށް ހުންނަ ބިދޭސީ މުވައްޒަފު އެކަންޏެވެ. އަލިފާން ރޯވެފައި ހުރިކަން އޭނާއަށް ވެސް އެނގުނީ، ބޭރުން ގޮސް ބަޔަކު ދޮރުގައި ތަޅައި އެކަން އެންގުމުންނެވެ.

އެ ހާދިސާގައި ކެފޭ އެއްކޮށް އަނދައިގެން ދިޔައިރު ލިބުނު ގެއްލުން 1.5 މިލިއަން ރުފިޔާއަށް ވުރެ މަތިވާނެ ކަމަށް އޭރު ބުންޏެވެ.

"[ބަޔަކު] ގަސްދުގައި ކުރި ކަމެއް ކަމަށް ބޮޑަށް ލަފާކުރެވެނީ،" ހަ އަހަރު ވަންދެން ޓިއޯލޯ ކެފޭ ހިންގި ހަސަން ބުންޏެވެ.

އެސްބީއައި އާއި އުރީދޫ މޯލްޑިވްސް ހިންގާ "ގަދަގޭ މުހައްމަދުފުޅު ބިލްޑިންގު" އަށް ގެއްލުން ލިބުނީ ޓިއޯލޯގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ނުވެ ގިނައިރުތަކެއް ވުމުންނެވެ. ކެފޭގައި އަނދަމުން ދިޔަ އަލިފާންގަނޑު، 10 ބުރީގެ އިމާރާތުގައި ރޯވީ އެތަނުގެ ބޭރުގައި ޖަހާފައި ހުރި ކްލެޑިންގެ ސަބަބުންނެވެ.

އެ އިމާރާތުގައި މީހުން ދިރިއުޅެނީ 10 ވަނަ ބުރީގައި ހަދާފައިވާ ޕެންޓް ހައުސްގައި، އިމާރާތުގެ ވެރިފަރާތުގެ އާއިލާ އެކަންޏެވެ. އެކަމަކު އަލިފާން ރޯވިއިރު އެމީހުން ތިބީ ރާއްޖެއިން ބޭރުގަ އެވެ. އަލިފާންގަނޑު އެންމެ ބޮޑަށް ހިފީ ވެސް، މަންޒަރުތަކުން ފެންނަ ގޮތުގައި، ޕެންޓް ހައުސްގެ ބައިތަކުގަ އެވެ.