05 މެއި 2021 - 13:54

ކޮވިޑާ ގުޅިގެން އިންޑިއާ އިން ޓޫރިސްޓުން އައުން މަދުވި ނަމަވެސް ރާއްޖެ އަށް ދުވާލެއްގެ މައްޗަށް އަންނަ ޓޫރިސްޓުންގެ އަދަދަށް ބަދަލެއް ނާންނަ ކަން ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސހިސާބުތަކުން ދައްކާ ގޮތުން މި މަހުގެ ފުރަތަމަ ތިން ދުވަހު ވެސް އެވްރެޖުކޮށް ރާއްޖެއަށް އާއި ޓޫރިސްޓުންގެ އަދަދު އުޅެނީ 3،100 ގަ އެވެ. އަދި މިދިޔަ މަހު އެވްރެޖްކޮށް ދުވާލަކު 3،000 ޓޫރިސްޓުން އައިސްފައިވެ އެވެ. މި އަހަރު އެންމެ ގިނައިން ޓޫރިސްޓުން އައިސްފައި ވަނީ މާޗް މަހު އެވެ. އެ މަހު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 3،500 ޓޫރިސްޓުން އައިސްފައިވެ އެވެ. ފެބްރުއަރީ މަހު އެވްރެޖްކޮށް 3،400 ޓޫރިސްޓުން އައިއިރު ޖެނުއަރީގައި ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 2،900 ޓޫރިސްޓުން އައިސްފައިވެ އެވެ.
މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން އިންޑިއާއިން އަންނަ ޓޫރިސްޓުން ވަރަށް ބޮޑަށް ވަނީ މަދުވެފަ އެވެ. ސަބަބަކީ، އިންޑިއާގއި ކޮވިޑް ފެތުރެން ފެށުމާ އެކު ރާއްޖެއިން އެޅި ފިޔަވަޅުތަކެވެ. އެހެންވެ، ކުރިން އިންޑިއާ އިން ޓޫރިސްޓުން އަންނަ ވަރަށް މިހާރު މީހުންނެއް ނާދެ އެވެ.
އިންޑިއާ އިން ޓޫރިސްޓުން މަދުވި ނަމަވެސް ޔޫރަޕްގެ ގިނަ ގައުމުތަކަކުން ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ލުއި ކުރުމުގެ ސަބަބުން ޔޫރަޕުން އަންނަ ޓޫރިސްޓުން ވަނީ އިތުރުވެފަ އެވެ. އެހެންކަމުން އިންޑިއާއިން ޓޫރިސްޓުން އައުން މަދުވި ނަމަވެސް މި މަހު ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ އަދަދު މަދު ނުވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު ވިދާޅުވެފައިވެ އެވެ.
ރާއްޖެއަށް މިހާތަނަށް 399،000 ޓޫރިސްޓުން އައިސްފައިވެ އެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު އެއް މިލިއަން ޓޫރިސްޓުން ގެނައުމެވެ.