ވެހިކަލް މަނާ ގަޑީގައި ޑިއުޓީ ކުރާ މީހުންނަށް ކުރީގެ ފާސް ބޭނުންކުރެވޭނެ: ފުލުހުން
ވެހިކަލް މަނާ ގަޑީގައި ޑިއުޓީ ކުރާ މީހުންނަށް ކުރީގެ ފާސް ބޭނުންކުރެވޭނެ: ފުލުހުން

ރާއްޖޭގައި ކޮވިޑް ކޭސްތައް ރެކޯޑް އަދަދަކަށް މައްޗަށް ދާން ފެށުމުން، މިރޭ ދަންވަރު 12 އިން ފަތިހު ހަތަރަކަށް މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުން މަނާ ގަޑީގައި، އެކި ތަންތަނުގައި ޑިއުޓީ އަދާކުރާ މީހުން ތަންތަނަށް ދާން، ކުރިން ކާފިއު ހިންގި ދުވަސްވަރު ދޫކޮށްފައިވާ ފާސް ބޭނުން ކުރެވޭނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ރާއްޖޭގައި ކޮވިޑް ކޭސްތައް އާދަޔާ ހިލާފަށް މައްޗަށް ދާން ފެށުމުން، އިއުލާން ކޮށްފައިވާ އިތުރު ފިޔަވަޅުތަކުގެ ދަށުން މިއަދުން ފެށިގެން މި މަހުގެ 15 އަށް ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅައިފަ އެވެ. މާލެ ސަރަައްދުގައި ތިން ގަޑިއިރަށް ވެހިކަލް ދުއްވުން މަނާވަނީ އެ ފިޔަވަޅުތަކުގެ ތެރެއިންނެވެ.

ކާފިއު ހިންގާ ވަގުތުގައި ޑިއުޓީ އަށް ދާ މީހުނަށް ފުލުހުން ކުރިން ވެސް ވަނީ ހާއްސަ ހުއްދައެއް ދީފަ އެވެ. މި ފާސް ނެތް މީހުނަށް އެ މީހަކު ވަޒީފާ އަދާކުރާ ތަނަކުން ފާހެއް ހަމަޖައްސައި ދިނުމަށް އެދެވޭނެ އިންތިޒާމު ހަމަޖައްސަމުން އަންނަ ކަމަށް ވެސް ފުލުހުން މިއަދު ބުންޏެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު ފުލުހުން މިއަދު ހާމަކުރާނެ އެވެ.

ފުލުހުން ބުނިގޮތުގައި މިކަމުގައި ރައްޔިތުންނަށް ވީހާ ވެސް ފަސޭހަ ވާނެ ގޮތަކަށް ކަންކަން އިންތިޒާމު ކުރުމަށް މަސައްކަތް ކުރާ ކަމަށެވެ.

ކޮވިޑަށް ޕޮޒިޓީވްވާ މީހުންގެ އަދަދު މި ހަފުތާގައި އިތުރުވަމުން އައިސް، އެންމެ ގިނަ ކޭސް އެއް ދުވަހުގެ ތެރޭގައި ފެނިފައިވަނީ އިއްޔެ އެވެ. އެ 24 ގަޑިއިރު ތެރޭގައި މި ބައްޔަށް 601 މީހަކު ޕޮޒިޓީވްވެފައިވެ އެވެ. މިދިޔަ ދެ ދުވަހަށް ބަލާއިރު ކޮވިޑް ކޭސްތައް އެންމެ ގިނައީ ވެސް މާލޭގަ އެވެ.