އާ މިނިމަމް ވޭޖެއް ކަނޑައަޅަނީ
އާ މިނިމަމް ވޭޖެއް ކަނޑައަޅަނީ

ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ލިބުނު މައުލޫމާތަށް ބަލައި އާ މިނިމަމް ވޭޖެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒު "މިހާރު" އަށް ވިދާޅުވީ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން މިނިމަމް ވޭޖެއް ކަނޑައަޅައި އަމަލުކުރަން ފެށުން ކަމަށެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ ކުރިން މިނިމަމް ވޭޖްގެ ގޮތުގައި ކަނޑައެޅުމަށް ވޭޖް ބޯޑުން ނިންމާފައިވަނީ 6،400ރ. އެވެ. ނަމަވެސް މިދިޔަ އަހަރުގެ ސެޕްޓެމްބަރު ވަޒީފާއާ ބެހޭ ގާނޫނަށް ގެންނަ އިސްލާހުގައިވާ ގޮތުން މިނިމަމް ވޭޖްގެ ގޮތުގައި 4،000ރ. އާއި 8،000ރ އާ ދެމެދުގެ އަދަދެއް ވަޒީފާތަކުގައި އުޅޭ މީހުންނަށް ދެވޭނެ އެވެ.

މިއަހަރު ނިމުމުގެ ކުރިން މިނިމަމް ވޭޖް ކަނޑައަޅަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.

މިނިމަމް ވޭޖުގައި ނުވަ ދާއިރާއަކަށް ބަހާލައިގެން، އެންމެ ކުޑަ އުޖޫރަ ދިނުމަށް މީގެ ކުރިން ކަނޑައަޅާފައިވެ އެވެ. އެއީ މަސްވެރިކަމާއި ދަނޑުވެރި ކަމާއި ޓޫރިޒަމް ސިނާއަތާއި ކޮންސްޓްރަކްޝަން މަސައްކަތުގެ ސިނާއަތާއި ދަތުރުފަތުރުގެ ސިނާއަތާއި ސިއްހީ ދާއިރާ އާއި ތައުލީމީ ސިނާއަތާއި ކުދި އަދި މެދުފަންތީގެ ސިނާއަތުގެ އިތުރުން އިންފޮމޭޝަން އަދި ޓެކްނޮލޮޖީގެ ސިނާއަތާއި މެރިޓައިމްގެ ސިނާއަތެވެ.

މިދިޔަ އަހަރުގެ މާޗް މަހު އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާ ގުޅޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ޕެނަލް ޑިސްކަޝަން ބާއްވައި މިނިމަމް ވޭޖްގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދިއަ އެވެ. ނަމަވެސް ކޮވިޑް ފެތުރެން ފެށުމާ އެކު އެ މަސައްކަތް މަޑުޖެހުމަކަށް އައީ އެވެ.