04 މެއި 2021 - 22:48

ރާއްޖެ އިން އިއްޔެގެ ހަވީރު 6 އިން މިއަދު ހަވީރު 6 އަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 600 އިން މައްޗަށް އަރައި، އަނެއްކާ ވެސް ރެކޯޑަކަށް ވެއްޖެ އެވެ.
މިދިޔަ ހޯމަ ދުވަހުގެ ހަވީރު 6 އިން އިއްޔެގެ ހަވީރު 6 އާ ހަމައަށް ކޮވިޑަށް ޕޮޒިޓިވްވީ 585 ކަމަށް ވާއިރު، މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އަލަށް އެ ބަލި ޖެހުނު މީހުންގެ އަދަދަކީ 601 ކަމަށް އެޗްޕީއޭގެ މިރޭގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގައި ކޮންމެ ދުވަހަކު ކޮވިޑް ޖެހޭ މީހުންގެ އަދަދު މަތިވަމުންދާއިރު، މިއީ ވަރަށް ސިރިއަސް އަދަދުތަކެއް ކަމަށް ވިދާޅުވެ، ޑޮކްޓަރުން ގެންދަވަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. އަދި އަދަދުތައް ވަރަށް ބޮޑަށް މައްޗަށް ދާތީ، މާދަމާ އިން ފެށިގެން އިތުރު ފިޔަވަޅުތައް އަޅަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.
މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 601 މީހަކު ކޮވިޑަށް ޕޮޒިޓިވްވީ ނެގި 4،552 ސާމްޕަލްގެ ތެރެއިންނެވެ. މިހާރު އެ ބަލި ޖެހިފައިވާ މީހުންގެ އަދަދަކީ 6،508 އެވެ. އެޑްމިޓް ކޮށްގެން ފަރުވާދެނީ 181 މީހަކަށެވެ.
މިދިޔަ ދެ ދުވަހަށް ބަލާއިރު ކޮވިޑް ކޭސްތައް އެންމެ ގިނައީ މާލޭގަ އެވެ. މާލެ ސަރަހައްދުން އިއްޔެ ކޮވިޑަށް ޕޮޒިޓިވް މީހުންގެ އަދަދު 300 އިން މަތީގައި އުޅޭއިރު، މިދިޔަ 24 ގަޑިއިރުގެ ތެރޭގައި މާލެ ސަރަހައްދުން އަލަށް އެ ބަލި ޖެހުނު މީހުންގެ އަދަދަކީ 440 އެވެ. މިހާ ގިނަ ބަޔަކަށް މިހާތަނަށް މާލެ ސަރަހައްދުން ދުވަހަކު ވެސް ކޮވިޑަށް މީހުން ޕޮޒިޓިވް ވެފައި ނުވެ އެވެ. މިދިޔަ 24 ގަޑިއިރުގެ ތެރޭގައި މާލެ ސަރަހައްދު ފިޔަވައި އެހެން ރަށްރަށުން ކޮވިޑް ޖެހުނު މީހުންގެ އަދަދަކީ 141 އެވެ. ރިސޯޓުތަކުން 19 އަދި ސިނާއީ ރަށްރަށުން 11 މީހަކަށް މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ވަނީ އަލަށް ކޮވިޑް ޖެހިފަ އެވެ.
ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 31،000 އަށް ވުރެ މައްޗަށް ގޮސް، 74 މީހަކު ވަނީ އެ ބަލީގައި މަރުވެފަ އެވެ.