އޮފީސްތައް ބަންދުވިޔަސް ކޯޓުތަކުގެ ޚިދުމަތް މެދުކަނޑައެއްނުލާނެ
އޮފީސްތައް ބަންދުވިޔަސް ކޯޓުތަކުގެ ޚިދުމަތް މެދުކަނޑައެއްނުލާނެ

ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، އެ ބަލި ކޮންޓްރޯލް ކުރުމަށްޓަކައި، މާލެ ސަރަހައްދުގައި ހިންގާ ސަރުކާރުގެ އޮފީސްތައް މާދަމާ އިން ފެށިގެން 10 ދުވަހަށް ބަންދުކުރި ނަމަވެސް ޝަރުއީ ކޯޓުތަކުގެ ޚިދުމަތް މެދުނުކެނޑި ކުރިއަށް ގެންދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

އެ ކޮމިޝަނުން ބުނީ، މާލެ ސަރަހައްދުގެ ކޯޓުތަކާއި، ކޮވިޑާ ގުޅިގެން އެ ރަށަކަށް ހާއްސަ ކޮށްގެން އެޗްޕީއޭ އިން ފިޔަވަޅު އަޅާފައި ވިޔަސް ކޯޓުތަކުގެ މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށާއި ރައްކާތެރިކަމާއެކު، އެ ތަންތަނުގެ ހިދުމަތްތައް ހުއްޓުމެއް ނެތި ދިނުމަށް މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

ޖޭއެސްސީން މިގޮތަށް ނިންމާފައި ވާއިރު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ވަނީ ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތަކާ އެކު ކޯޓުތަކުގެ ޚިދުމަތް ކުރިއަށް ގެންދިއުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައަޅައި ސާކިއުލާއެއް ނެރެފަ އެވެ. އޭގައި ކަނޑައަޅާފައިވާ ގޮތުން ސުޕްރީމް ކޯޓުގެ "އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާގުޅޭ ހާއްސަ އިރުޝާދު" ގެ ޕްރެކްޓިސް ޑައިރެކްޝަންއާއި އެއްގޮތަށް ޝަރީއަތުގެ މަޖިލީސްތަކާއި އެނޫން ވެސް ޝަރުއީ ކަންކަމާއި ކައިވެނީގެ މަޖިލީސްތައް ހިންގަން ޖެހޭނެ އެވެ. އަދި އޮންލައިންކޮށް ދެވެން ހުރި ހިދުމަތްތައް އޮންލައިންކޮށް ދެމުން ގެންދިއުމާއި ކޯޓުތަކުގެ މުވައްޒަފުންނަށް ގެއިން މަސައްކަތްކުރެވޭނޭ އިންތިޒާމްތައް ހަމަޖެއްސުން ވެސް ޑީޖޭއޭގެ އުސޫލުގައި ހިމެނެ އެވެ.

ޑީޖޭއޭ އިން ކަނޑައަޅާފައިވާ ގޮތަށް މާދަމާ އިން ފެށިގެން އަމަލުކުރަން ޖެހޭނެ އެވެ.

ކޮވިޑުން ރައްކާތެރިވުމަށް އެޗްޕީއޭ އިން މާދަމާ އިން ފެށިގެން އަޅާ ފިޔަވަޅުތަކުގެ ތެރެއިން މާލެ ސަރަހައްދުގައި ހިންގާ ސަރުކާރުގެ އޮފީސްތައް މި މަހުގެ 15 އާ ހަމައަށް ބަންދުވާނެ އެވެ. އަދި ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 12 އާ ހަމައަށް ވެސް ކިޔަވައިދޭން ނިންމާފައި ވަނީ އެ މުއްދަތާ ހަމައަށް އޮންލައިން ކޮށެވެ.

ރާއްޖެ އިން މިދިޔަ ހަފުތާއެއްހާ ދުވަހު ކޮންމެ ދުވަހަކު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ 400-500 ގަ އެވެ. މީގެ ކުރިން ދުވަހަކު ވެސް އެެއް ދުވަހެއްގައި އެ އަދަދަށް ރާއްޖޭގައި މީހުން ކޮވިޑަށް ޕޮޒިޓިވްއެއް ނުވެ އެވެ.