ރޯމާގެ ކޯޗަކަށް އަންނަ ސީޒަންގައި މޮރީނިއޯ
ރޯމާގެ ކޯޗަކަށް އަންނަ ސީޒަންގައި މޮރީނިއޯ

ރޯމް (04 މެއި) - އިޓަލީގެ އޭއެސް ރޯމާގެ ކޯޗަކަމާ އަންނަ ސީޒަންގައި ހަވާލުވާން ހޯޒޭ މޮރީނިއޯ އެއްބަސްވެއްޖެ އެވެ.

ރޯމާގެ މިހާރުގެ ކޯޗް ޕައުލޯ ފޮންސެކާ، މި ސީޒަނަށް ފަހު އެ ޓީމު ދޫކޮށްލާނެ އެވެ. އޭނާގެ ކޯޗް ކަމުގެ ދަށުން ރޯމާއިން މި ވަގުތު އޮތީ ހަތް ވަނައިގަ އެވެ. ލީގުގައި ބާކީ ހަތަރު މެޗު އޮތް އިރު ތާވަލުގައި އެއަށް ވުރެ މައްޗަށް ދިއުމަކީ ވުމަށް ވުރެ ނުވުން ގާތް ކަމެކެވެ.

މޮރީނިއޯ އެންމެ ފަހުން މަސައްކަތް ކުރީ، ޓޮޓެންހަމް ހޮޓްސްޕާސްގަ އެވެ. މިދިޔަ މަހު 19 ވަނަ ދުވަހު އެ ޓީމުގެ ކޯޗް ކަމުން އޭނާ ވަކި ކުރީ، އޭނާގެ ކޯޗް ކަމުގެ ދަށުން އިނގިރޭސި ލީގު ކަޕްގެ ފައިނަލަށް ޓޮޓެންހަމް ދަތުރު ކުރި ނަމަވެސް ފައިނަލު މެޗުގައި ކޯޗް ކޮށްދޭންވެސް ފުރުސަތު ނުދީ އެވެ.

ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި މޮރީނިއޯ ރޯމާ އާއެކު ސޮއި ކުރާނެ އެވެ. މޮރީނިއޯ މީގެ ކުރިންވެސް ވަނީ އިޓަލީގައި މަސައްކަތް ކޮށްފަ އެވެ. އޭނާގެ ކޯޗް ކަމުން އިންޓަ މިލާން އިން ވަނީ ސެރީ އާ ގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދާފަ އެވެ. އެ ކްލަބުގައި އޭނާގެ ފަހު ސީޒަންގައި 2010 ވަނަ އަހަރު އިންޓައަށް ސީޒަންގެ ތިން ތަށި ހޯދައިދިނެވެ. އެއީ ސެރީ އާ ގެ އިތުރުން، އިޓާލިއަން ކަޕާއި ޔޫއެފާ ޗެމްޕިއަންސް ލީގެވެ.

ރޯމާގެ ރައީސް ޑޭން ފްރީޑްކިން ވިދާޅުވީ މޮރީނިއޯއަށް މަރުހަބާ ކިއުމަކީ އޭނާއަށް ލިބޭ ބޮޑު އުފަލެއް ކަމަށެވެ. އަދި އުންމީދީ ޕްރޮޖެކްޓެއް ބިނާ ކުރުމަށް މޮރީނިއޯގެ ލީޑާޝިޕާއި ތަޖުރިބާ ރޯމާއަށް މުހިންމު ކަމަށް ފްރީޑްކިން ވިދާޅުވި އެވެ.

"މި ޓީމުގެ ކޯޗް ކަމަށް ހޯޒޭ ހަމަޖެއްސުމަކީ ދުރު މުސްތަގުބަލަށް ބަލައި އަދި ދެމެހެއްޓެނިވި ގޮތެއްގައި ކާމިޔާބު ހޯދަން އެޅިގެން ދިޔަ ބޮޑު ފިޔަވަޅެއް،" ފްރީޑްކިންގެ ފަރާތުން ނެރުނު ބަޔާނުގައި ވެއެވެ.

މޮރީނިއޯ ބުނީ، ރޯމާގެ ޖެނަރަލް މެނޭޖަރު ތިއާގޯ ޕިންޓޯ އާ ބައްދަލިވެ ވާހަކަ ދެއްކުމުން ރޯމާގައި އުންމީދީ ޕްރޮޖެކްޓެއް އޮތްކަން އޭނާއަށް އެނގިގެން ދިޔަ ކަމަށެވެ.

"އަހަރެން މޯޓިވޭޓް ވާ ކަމަކީ އެވަރުގެ ވަރުގަދަ އަޒުމެއް މި ކްލަބުގައި އޮތުމުން،" މޮރީނިއޯ ބުނެފައި ވެއެވެ. "ކުރިއަށް އޮތް އަހަރުތަކަށް ބިނާވާ ވިނިން ޕްރޮޖެކްޓެއް ގާއިމު ކުރަން އަހަރެމެން އެންމެން ގުޅިގެން މަސައްކަތް ކުރާނަން."