ރެޑް ހޮޓް ޗިލީ ޕެޕާޒްގެ ލަވަތައް 140 މިލިއަން ޑޮލަރަށް ވިއްކާލައިފި
ރެޑް ހޮޓް ޗިލީ ޕެޕާޒްގެ ލަވަތައް 140 މިލިއަން ޑޮލަރަށް ވިއްކާލައިފި

އެމެރިކާގެ މަޝްހޫރު ރޮކް ބޭންޑް ރެޑް ހޮޓް ޗިލީ ޕެޕާޒްގެ ލަވަތައް 140 މިލިއަން ޑޮލަރަށް ވިއްކާލަން ނިންމައިފި އެވެ.

ވެރައިޓީން ބުނެފައިވާ ގޮތުގައި މަގުބޫލު އެތައް ލަވައެއް ގެނެސްދިން ބޭންޑްގެ ލަވަ ކެޓަލޮގް ވިއްކާލަނީ ހިޕްނޯސިސް ސޯންގްސް އަށެވެ. ދުނިޔޭގެ އެންމެ ކާމިޔާބު ރޮކް ބޭންޑްތަކުގެ ތެރޭގައި ހިމެނޭ އަދި 1983 ގައު އުފަންވި ބޭންޑުން ގެނެސްދީފައިވާ ލަވަތަކުގެ ތެރޭގައި "އަންޑަ ދަ ބްރިޖް"، "ގިވް އިޓް އަވޭ"، "ޑާނީ ކެލިފޯނިއާ" އަދި "ނޮކް މީ ޑައުން" ފަދަ އައިކޮނިކް އެތައް ލަވައެއް ހިމެނެ އެވެ.

ރެޑް ހޮޓް ޗިލީޒް ޕެޕާޒްގެ ލަވަތައް ވިއްކާލަން ނިންމާފައި މި ވަނީ މަޝްހޫރު މިއުޒިޝަން ބޮބް ޑިލަންގެ ސޯންގް ރައިޓިން ކެޓަލޮގް ޔުނިވާސަލް މިއުޒިކް ޕަބްލިޝިން އަށް 300 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަގަކަށް އަދި އެމެރިކާގެ އަންހެން ފަންނާނު ސްޓީވީ ނިކްގެ ލަވަތައް 100 މިލިއަން ޑޮލަރަށް ޕްރައިމަރީ ވޭވް އަށް ވިއްކާލަން ނިންމާފައި ވަނިކޮށެވެ.

ރެޑް ހޮޓް ޗިލި ޕެޕާޒްގެ ބޭންޑްގެ މެމްބަރުންގެ ގޮތުގައި މިހާރު ހިމެނެނީ އެންތަނީ ކީޑިސް، ފްލީ، ޗާޑް އަދި ޖޯން ފުރުޝަންޓޭ އެވެ. ބޭންޑުން މިހާތަނަށް 11 އަލްބަމް ނެރެފައިވާ އިރު، އެންމެ ފަހުން ނެރުނު އަލްބަމަކީ 2016 ގެ "ދަ ގޭޓްވޭ" އެވެ.

ބޭންޑްގެ ފުރަތަމަ އަލްބަމަކީ 1984 ގެ "ދަ ރެޑް ހޮޓް ޗިލީ ޕެޕާޒް" އެވެ.