18 ނޮވެމްބަރ 2016 - 07:39

ބައެއް ފިލްމުތަކާއި ޓީވީ ސިލްސިލާތަކުގައި މަސައްކަތްކޮށްފައިވާ ދުވަސްވީ އެކްޓަރެއް ކަމަށްވާ މުކޭޝް ރާވަލް ރޭލު ދަގަނޑެއްގެ މަތީގައި މަރުވެފައި އޮއްވައި ބުދަ ދުވަހު ފެނިއްޖެ އެވެ. އޭނާ މަރުވީ ކިހިނެއްކަން ނޭނގުނު ނަމަވެސް އެއީ އެކްސިޑެންޓަކުން ދިމާވި ކަމެއް ކަމަށް މުކޭޝްގެ އާއިލާއިން ބުނެ އެވެ.
މި އެކްސިޑެންޓް ހިނގާފައި ވަނީ 65 އަހަރުގެ އެކްޓަރު ގުޖްރާތީ ފިލްމެއްގެ ޑަބިން މަސައްކަތަށް އެހެން ރަށަކަށް ދަތުރުކުރުމަށްޓަކައި ރޭލް ސްޓޭޝަނަށް ގޮސް އުޅެނިކޮށެވެ. އޭނާގެ ހަށިގަނޑު ފެނިފައިވަނީ ކަންޑިވަލީ ރެއިލްވޭގެ ދަގަނޑުތަކުގެ މަތިން ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށް ރެއިލްވޭ ޕޮލިހުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
މުކޭޝްގެ މަރުގެ ޚަބަރު ފުރަތަމަ ފެތުރުނުއިރު މީޑިއާތަކުން ބުނީ އޭނާ މަރުވީ އަމިއްލައަށް ކަމަށެވެ. އެގޮތަށް ވާހަކަ ދެކެވުނީ މުކޭޝްގެ ހަށިގަނޑު ރޭލު ދަގަނޑު މަތިން ފެނުމުންނެވެެ. ނަމަވެސް އެހިސާބުގަނޑުގެ ފުލުހުން ބުނެފައި ވަނީ މުކޭޝް މަރުވެފައިވަނީ އެކްސިޑެންޓަކުން ކަމަށެވެ.
ބޮލީވުޑް ފިލްމުތަކުގެ ތެރެއިން ޒިދް، ސައްތާ، އައުޒާރު އަދި ކަސަކް ފަދަ ފިލްމުތަކުގައި މުކޭޝް އެކްޓްކޮށްފައިވެ އެވެ. އޭނާއަކީ ގުޖްރާތީ ފިލްމުތަކުގައި ވަރަށް މަޝްހޫރު ފަންނާނެކެވެ. މީގެ އިތުރުން ބައެއް ސްޓޭޖް ޑްރާމާތަކުގައި ވެސް މުކޭޝް ވަނީ މަސައްކަތް ކޮށްފަ އެވެ.
މުކޭޝް އެކްޓްކޮށްފައިވާ ޓިވީ ސިލްސިލާތަކުގެ ތެރޭގައި ބާލާޖީ ޓެލެފިލްމްސްގެ "ކޮއި އަޕްނާ ސާ" އާއި "ހަޒްރަތޭން" އަދި އިމޭޖިން ޓީވީގެ "ބީންދް ބަނޫންގާ ގޯޅީ ޗަޅޫންގާ" ހިމެނެ އެވެ.
ޓީވީ އާއި ފިލްމުތަކުގައި މަސައްކަތްކުރާ ވަރަށް ގިނަ ފަންނާނުން މުކޭޝް މަރުވުމުގެ ހިތާމަގައިގައި ބައިވެރިވެފަ އެވެ. ގިނަ ބަޔަކު ސިފަކޮށްފައިވާ ގޮތުގައި މުކޭޝް އަކީ ވަރަށް މަޑުމައިތިރި އަދި އެހާމެ ހުނަރުވެރި އެކްޓަރެކެވެ.