04 މެއި 2021 - 15:13

ޓޫރިސްޓު ރަށުގެ ގޮތުގައި މަޝްހޫރު ވެފައިވާ ކ. މާފުށީގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 349 އަށް އަރައިފި އެވެ.
މާފުށީ ސިއްހީ މަރުކަޒުގެ މެނޭޖަރު ސަލްމާން ރަޝީދު މިއަދު ވިދާޅުވީ ކޮވިޑާ ގުޅިގެން މިހާތަނަށް 98 ގެއަކަށް ވަދެ ނުކުތުން މަނާކޮށްފައިވާ ކަމަށެވެ. މިދިޔަ ދެ ހަފުތާގައި ބާރު ސްޕީޑުގައި އެ ރަށުގައި ކޮވިޑް ފެތުރުނު އިރު މިދިޔަ ދެ ދުވަހު ފްލޫ ކްލިނިކަށް ދައްކާ މީހުން ކޮންމެވެސް ވަރަކަށް ވަނީ މަދުވެފަ އެވެ.
ސަލްމާން ވިދާޅުވީ، މާފުށިން ހާލު ބޮޑުވާ ބަލި މީހުން ގެންނަނީ ހުޅުމާލޭގައި ހުންނަ ކޮވިޑް ފެސިލިޓީ އަށް ކަމަށެވެ. އެ ރަށުން މިހާތަނަށް އަށް މީހަކު ހުޅުމާލޭ ކޮވިޑް ފެސިލިޓީއަށް ގެނެސްފައިވެ އެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓް ހައުސް ވިޔަފާރިކުރާ މާފުށީގެ ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑަށް ޕޮޒިޓިވް ވެގެން ރަށް މޮނިޓަރިން ހާލަތަށް ގެންދިޔައީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ.
މާލެ އާއި އަތޮޅު ތެރޭގެ ރަށްތަކުގައި ކޮވިޑް ފެތުރޭވަރު އިތުރުވަމުން އަންނާތީ އެޗްޕީއޭ އިން ވަނީ އިތުރު ފިޔަވަޅުތައް އަޅައިފަ އެވެ. މިވަގުތު 32 ރަށެއް ވަނީ ކޮވިޑްގެ ކޭސްތައް ފެނިގެން އަރައިފޭބުން މަނާކޮށްފަ އެވެ. މިދިޔަ އާދިއްތަ ދުވަހުގެ ހަވީރު 6 އިން އިއްޔެގެ ހަވީރު 6 އަށް އެކަނިވެސް 500 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވި އެވެ. ރާއްޖޭގައި މިހާތަނަށް 30،000 އަށް ވުރެ ގިނަ މީހުންނަށް ވަނީ އެ ބަލި ޖެހިފައިވެ އެވެ.