04 މެއި 2021 - 13:06

(އާދިއްތަ ދުވަހާ ގުޅޭ)
ދުލުން ނުބެނެވި އުޅެނިކޮށް ހިތުގައި އޮތް މެސެޖު ހަރަކާތުން ބޭރުވިއެވެ. ޝިޔާޒު ބަލައިލީ ސީދާ އަހަރެންގެ މޫނަށެވެ. ދެ ލޮލަށެވެ. ހަތަރުކަޅި ހަމަވި ވަގުތު ހީވީ ކަރަންޓު އައިހެންނެވެ. ބުނާން ނޭނގޭ ގޮތްތަކެއްވެ ކަތުރު ކަށިގަނޑު ތުރުތުރު އަޅައިގަތެވެ. ދެން އިވުނީ ޕާޓީ ޕޮޕުގެ ގަދަ އަޑުފައްގަނޑެވެ. ލިބުނު ސިހުމާއެކު ހަޅޭއްލަވާ ގަނެވުނެވެ. ބޮލާއި މޫނަށް އޮހެމުން ދިޔައީ ކުލަކުލައިގެ ކަރުދާސްތަކަށް ބަލައިލެވުނެވެ. އަހަރެން އަތް ދިއްކޮށްލެވުނެވެ. ލޯބިން ފުރިގެންވާ ގޮތަކަށް ޝިޔާޒު ހިފައިލީ އަހަރެންގެ އިނގިލީތަކުގައެވެ. މަޑުމަޑުން އަހަރެންގެ ދެ އަތުގައި ފިރުމައިލަމުން އަތްތިލައަށް ބޮސްދިނެވެ. އެއަށްފަހު އިނގިލީގައި އަނގޮޓި އަޅުވައިދިނެވެ.
އެދުވަހު އެއްލުނީ ހަޔާތަށް މުޅީން އާ ޞަފުހާއެކެވެ. އާކަންކަން ތަޖުރިބާކުރާން ޖެހުނު ކަމަކަށް އެކަން ވާން ފެށިއެވެ. ކުރިން ދިމާ ނުވާ ކަހަލަ ކޫސަނި އެތައް މައްސަލައެއް ވެސް ދިމާވާން ވެސް ފެށިއެވެ. މަޑުމަޑުން އެ މައްސަލަތައް ބޮޑުވެ ބިޔަ ޖަނަވާރުތައް ފަދައިން އަހަންނާ ދިމާކޮށްލާން ވެސް ފެށީއެވެ.
"ރާނީއަށް ކިހިނެއްތަ ވަނީ؟" ޝިޔާޒު ހިތްހަމަ ނުޖެހުނީ އެ ދުވަހު އަހަންނަށް ކުރެވުނު ކަމަކުންނެވެ.
ޝިޔާޒު ކަމަށް އަހަންނަށް އިލްފުގެ ބުރަކަށީގައި ބައްދާލެވުނީމައެވެ. އެ މަންޒަރު އޮފީހުގައި ތިބި އެންމެންނަށް ވެސް ފެނުނެވެ. އިލްފު ވެސް ހައިރާންވެ ބަސް ހުއްޓި އަހަންނާ ދިމާއަށް ބަލަން ވެސް ބެލިއެވެ.
"ސޮރީއޭ ބުނެފީމެއްނު." އިސް ޖަހައިގެން އިނދެ އަހަންނަށް ބުނެލެވުނެވެ.
"ރާނީއަށް ހަމަ ނޭނގުނީތަ؟" ޝިޔާޒުގެ ރާގު ބަދަލުވިއެވެ.
ބަދަލުގައި އަހަރެން ބޯ ޖަހައިލީމެވެ. އާއެކޭ ބުނުމުގެ ގޮތުންނެވެ. އެއްބަސްވާށެވެ. ހަގީގަތަކީ ވެސް އެއީއެވެ. އަހަންނަށް ހަމަ ނޭނގުނީއެވެ. އޮޅުނީއެވެ.
"އެކަމަކު ދެން! މިހާރު ދެ ކަންތައް ތަކުރާރުވީ، ކުރިން ދުވަހު އަހަރެން ކައިރީ ބަހައްޓައިފަ ޔައީޝްގެ އަތުގައި ހިފައި އެލިގަތީ ވެސް،" ޝިޔާޒު ހިތްހަމަ ނުޖެހި އިނދެ ބުނެލިއެވެ. "ދެން އެ ދުވަހު އެއީ މައްސަލައަކަށް ނުވީ އަހަރުމެންނަށް ދެކެވުނު ވާހަކައިން. ޔައީޝް ވެސް އެއްޗެކޭ ނުބުނީ އެހެންވީމަ."
"އަހަރެން ގަސްތަކު ނޫނޭ." އަހަރެންގެ ލޮލަށް ގިނަވަމުން ދިޔަ ކަރުނަތައް ހިފަހައްޓައިލަމުން ބުނެލީމެވެ.
"ރާނީ ތިހެން ބުނާތީއޭ އަހަރެން އެއް ސުވާލެއް ތަކުރާރު މި ކުރަނީ. އަހަންނަށް ގަބޫލު ނުކުރެވެނީ ރާނީ ތި ބުނާ އެއްޗެއް. ދުވާލު މެންދުރު ވެސް ރާނީއަށް މީހުން ވަކި ނުވާތީ މި ހުރިހާ ކަމެއް ދިމާ މިވަނީ." ޝިޔާޒުގެ އަޑުގައި ހުރީ ޝަކުވާގެ ރާގެވެ.
އަހަރެން ވަކި ބުނާނީ ކީކޭ ހެއްޔެވެ؟ އަހަންނަށް މި ވާގޮތް ޚުދު އަހަންނަށް ވެސް ނޭނގެއެވެ. ނުވިސްނެއެވެ. އަހަރެން ވެސް ވަކި ގަސްތުގައި ޝިޔާޒު ބަހައްޓައިފަ އެހެން މީހުންނާ ގައިގޯޅި ވާންވީ ކީއްވެ ހެއްޔެވެ؟ އަހަންނަކީ އެ ބުނާ ޒާތުގެ މީހަކީ ހެއްޔެވެ؟ ފިރިހެނަކު ފެންނައިރަށް ފަހަތުން ދުވެ ގަންނަ މިޒާޖުގެ މީހަކީ ހެއްޔެވެ؟
"ތި ބުނަނީ އަހަރެން މީ އެކަހަލަ މީހެކޭތަ؟" ރުން ކުރު ރާގެއްގައި އަހަންނަށް ބުނެލެވުނެވެ.
ޝިޔާޒު އަނގައިން ނުބުނެ އިނީއެވެ. އިތުރު ވާހަކައެއް ދައްކައިފި ނަމަ ގޯސްވެދާނެ ކަމަށް އޭނާއަށް ވިސްނުނީ ކަން ނޭނގެއެވެ. ނޫނީ އެހައި ހިސާބުން އެ މައުޟޫއުގައި އޭނާ ވާހަކަ ދައްކަން ބޭނުން ނުވަނީ ކަން ނޭނގެއެވެ. އަހަރެން ބޭނުންވީ އެ ތަނުން ނުކުންނާށެވެ. ނަމަވެސް ޝިޔާޒު އަހަރެންގެ އަތުގައި ހިފިއެވެ.
"އަހަރެން އައީ ކޮފީއަކަށް." ވަށައިގެންވާ މާހައުލަށް ބަލައިލަމުން އަހަރެން ބުނެލީމެވެ.
"ރަނގަޅޭ. މިޒަމާނުގައި ކޮފީއަކީ އުމަރު ސުންބުލި ކަހަލަ ކަމެކޭ." ޝިޔާޒުގެ ރާގު ބަދަލުވިއެވެ.
ޝިޔާޒު ބުނި އެއްޗެއް ދޭހަ ނުވުމުން އަހަންނަށް ބަލައިލެވުނެވެ. ދެ ބުމަ ކައިރިކޮށްލަމުންނެވެ. ޝިޔާޒު އެއްމިކަނުން ހީނލިހެން ހީވިއެވެ.
"މި ބުނީ ހުރިހާ ކަމެއްގެ ހައްލަކީ މި ޒަމާނުގެ ކޮފީ މޭޒޭ. ކޮފީ މޭޒަކުން ހައްލު ނުވާކަމެއް ނޯންނާނޭ،" ޝިޔާޒު އޮޅުންފިލުވައިދިނެވެ. "ކޮފީ މޭޒުން މި ޒަމާނުގައި ހުރިހާ ކަމެއް ނިންމާނީ ވެސް."
އަހަންނަށް ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ. މަޑުމަޑުން ގޮނޑީގައި އިށީނދެލެވުނެވެ.
"ކޮންތާކު އިށީނީ އަނެއްކާ!" އަހަރެން އޮފީހަށް ވަން އިރަށް ހަމްޒާއާއި އިލްފު ދައްކަމުން ދިޔަ ވާހަކަ މެދު ކަނޑައިލިއެވެ.
އަހަންނަށް ބަލައިލެވުނީ އިލްފާ ދިމާއަށެވެ.
"ސޮރީ އިލްފޫ. ކުރިން ދުވަހު ގަސްތަކު ނޫން އެހެން ހެދުނީ. އެއީ އޮޅިގެން ވީކަމެއް." އަހަރެން އިލްފުގެ ކުރިމައްޗަށް ހުއްޓި ހުރެ ބުނެލީމެވެ.
އިލްފު ކޮޅަށް ތެދުވިއެވެ. އޭނާ ހުރީ އަހަންނާ ދިމާއަށް ބަލާށެވެ. ފާޑަކަށެވެ. ހައިރާންވުމުން ބަލަން ހުންނަ ކަހަލަ ގޮތަކަށެވެ. ގޯހެއް އުޅޭހެން ހީވެގެން އަހަރެން ދެ ފަހަރަކު އެސްފިޔަ ޖަހައިލީމެވެ. މަޑުމަޑުން ދެ ލޯ މަރައިލުމަށް ފަހު އަލުން ހުޅުވީމެވެ. އަހަންނަށް ބަލައިލެވުނީ އިލްފުގެ އިސްތަށި ގަނޑަށެވެ. އޭނާގެ އިސްތަށިގަނޑު ދިގުކުރީ ކޮން އިރަކު ބާވައޭ ހިތަށް އެރިއެވެ. އަނެއްކާ ވެސް ހިތުގައި ވަހުމު އުފެދެންފެށިއެވެ. އެހެންވެ ތަންކޮޅެއް ފުންކޮށް ބަލައިލީމެވެ. އިލްފުގެ ކަންފަތާއި ނިތާއި އޭނާގެ ހަށިގަނޑަށެވެ. ލަދުން މަރުވާވަރު ނުވީ ކިރިޔާއެވެ. ހުރިހާ އިރު އިލްފު ކަމަށް ހީކޮށް ވާހަކަ ދެއްކުނީ ނުބައި މީހަކާއެވެ. އެއީ ޔަޢީޝެވެ.
ގަތް ލަދުން ސޮރީއޭ ވެސް ނުބުނެ އަހަރެން މޭޒާ ދިމާއަށް ހިނގައިގަނެވުނެވެ. ޔައީޝާއި ހަމްޒާ ތިބި ގޮތަށް ތިބީއެވެ. ބުނާނެ އެއްޗެއް ވެސް ނޭނގިފައި ތިބި ކަހަލަ ގޮތަކަށެވެ. މޭޒު ކައިރީ އިށީނދެ މޫނުގައި އަތް އަޅައިލެވުނެވެ.
މިހާރަކަށް އައިސް އަހަންނަށް މި ވަނީ ކީއްހެއްޔެވެ؟ މީހުން އޮޅެނީ ކީއްވެގެން ހެއްޔެވެ؟ އަނެއްކާ އަހަންނަށް ރަނގަޅަށް ނުފެންނަނީ ހެއްޔެވެ؟ ލޮލުގައި މައްސަލައެއް އުޅެނީ ހެއްޔެވެ؟ ކައިރި ފެނުމުގައި މައްސަލައެއް އުޅެނީ ބާވައޭ ހިތަށް އެރިއެވެ. މޫނުގައި ދެ އަތުން ފިރުމައިލެވުނެވެ.
"ލޯ ޗެކުކޮށްލަން." ލޮލުގެ ހާއްސަ ޑޮކްޓަރު އަހަރެންގެ މޫނަށް ބަލައިލިއެވެ.
"މައްސަލައެއް އުޅެނީތޯ." ޑޮކްޓަރު އިނގިރޭސި ބަހުން ސުވާލުކޮށްލިއެވެ.
"ކައިރި ފެނުމުގައި މައްސަލައެއް އުޅޭހެން ހީވާތީ ހަމަ ޔަގީންކޮށްލަން." އަހަރެން އޮޅުންފިލުވައިދިނީމެވެ.
އަހަރެން ބޭނުންވީ ޔަގީން ކުރާށެވެ. މިހާރަކަށް އައިސް މިހެން ދިމާވާން ފެށުމުންނެވެ. އޮފީސްތެރޭގައި އަހަންނަށް ކަންތައް ކުރެވޭ ގޮތުން ކުދިކުދި މައްސަލަ ޖެހޭން ފެށުމުނެވެ. އަހަންނަށް މާ ބޮޑަށް އިލްފު ވެގެން އުޅެވޭކަމަށް ދޫދޫ މަތިން ކިޔަންފެށީމެވެ. އަހަރެން ގަސްތުގައި އިލްފާ ގާތްކަމެއް ނުބާއްވަމެވެ. އޭނާއަށް ހާއްސީއްޔާތު ކަމެއް ނުގެން ގުޅެމެވެ. އެއީ ވެސް ހަމަ އެހެން މީހުންނެކޭ އެއްފަދަ މީހެކެވެ. އޮފީސްމޭޓެކެވެ.
ޑޮކުޓަރު ވަރަށް ފުންކޮށް އަހަރެންގެ ދެ ލޯ ބެލިއެވެ. އަކުރުތައް އަރުވައިގެން އެ އަކުރުތައް ކިޔުއްވިއެވެ. ޑޮކުޓަރު ދެއްކި ހުރިހާ އަކުރުތަކެއް ސާފުކޮށް ކިޔާން އެނގުނެވެ. ދުރުން ވެސް ކިޔުނެވެ. ކައިރީން ވެސް ކިޔުނެވެ.
"މައްސަލައެއް އުޅޭ ކަމަކަށް ނުފެނޭ." ޑޮކުޓަރު އަހަރެންގެ މޫނަށް ބަލައިލަމުން ބުނެލިއެވެ.
"އެކަމަކު؟" އަހަންނަށް ސުވާލުގެ ނަޒަރުން ބަލައިލެވުނީ ޑޮކުޓަރުގެ މޫނަށެވެ.
"ރާނީ ތިގޮތަށް ވުމަށް ކިޔައިފާނެ މެސްމަރައިޒްވުމޭ ވެސް." އަހަންނަށް ދިމާވާ މައްސަލަތަކާމެދު ވާހަކަދައްކައިލީ ސްކޫލު ދައުރުގެ އެކުވެރިއެއް ކަމަށްވާ ލައިޝާއާއެވެ.
"މާނައަކީ؟" ބުމަ ކައިރި ކޮށްލަމުން އަހައިލެވުނެވެ.
"އެ ދެން ވަރަށް ޕޮއެޓިކް ޓާމެއް. އޭގައި މަންޒަރު ފެންނާނީ މުޅީން ތަފާތުކޮށް. އަބަދުމެ ހުންނާނީ މެސްމަރައިޒްވެފަ. އަހަރުމެންނަށް ކިއިދާނެކަން ކަމަކަށް މާބޮޑަށް ޝައުޤުވެރިވުމުން ނޫނީ ކަމެއްގެ ތެރެއަށް ގެނބި މަރުވާވަރުވުމުންވާ ގޮތެކޭ ވެސް. ދިވެހިން ކިއިދާނެ ކަންނޭނގެ ދީވާނާވުން، ނޫނީ އާވާރާވުން ވެސް." ލައިޝާ ހިނިތުންވެލިއެވެ.
"އަހަރެން މި އުޅެނީ އާވާރާ ވެގެންތަ؟" އަހަންނަށް ލައިޝާއަށް ބަލައިލެވުނެވެ.
"ރާނީ ތި ދައްކާވާހަކައިން މަށަށް ހީވަނީ؟" ލައިޝާ ލާނެތް ރާގެއްގައި ބުނެލިއެވެ.
އަހަންނަށް ވިސްނައިލަން މަޖުބޫރުވިއެވެ. ލައިޝާގެ ވާހަކައަށެވެ. އަހަންނަށް ވަކި ކަމެއްގެ ތެރެއަށް ގެނބި މަރުވާ ވަރުވޭ ހެއްޔެވެ؟ ވަކި ހިޔާލެއް އަބަދު ކުރެވޭ ހެއްޔެވެ؟ އަބަދު އިލްފު ވެގެން އެހެން މީހުންނަށް އިލްފޭ ކިޔައިފައި ގޮވެނީ ހެއްޔެވެ؟
"ވަކި މީހަކު ދެކެ ހައްދުފަހަނަ އަޅައިދާ ވަރަށް ލޯބި ވެވުނީމަ ވެސް އެހެންވޭ." ލައިޝާ ބަލައިލިއެވެ.
"މާނައަކީ؟" އަހަންނަށް އަހައިލެވުނެވެ.
"ޝިޔާޒަށް އާއެކޭ ބުންޏަސް ރާނީ ލައިކްވަނީ ނޫނީ ރާނީގެ ހިތުން ލޯބިވެވުނީ އިލްފު ދެކެ ކަމަށް ވެސް ވެދާނެއްނު،" ލައިޝާ ހިފައިލީ އަހަރެންގެ އަތުގައެވެ. "އަނެއްކާ އެހެންވީތަ؟"
"ކޮންތާކު؟" އަހަންނަށް އެއްބަހެއް ނުވެވުނެވެ.
ލައިޝާގެ ވާހަކަތަކާ މެދު އަހަންނަށް ވިސްނެނީއެވެ. ނިދަން އޮށޯވެ އޮވެގެން ވެސް ކުރެވެނީ އެ ހިޔާލެވެ. ވިސްނެނީ އެ ކަމާއެވެ. ކޮންމެ މީހަކާ ދިމާއަށް އިލްފޭ މި ކިޔޭ ސަބަބާ މެދުގައެވެ. ޝިޔާޒު ކަމަށް ހީކޮށް ވެސް އިލްފުގެ ގައިގައި ބައްދާލެވުނު ހާދިސާއަށެވެ. އިލްފު ކަމަށް ހީނކޮށް ޔަޢީޝަށް އިލްފޭ ކިޔައި ގޮވާލެވުނު ހާދިސާއަށެވެ.
އެނދުގައި ދެފަރާތަށް ހޭކެން އޮވެވުނީއެވެ. އެ ހިޔާލުތަކަށް ގެނބި މަރުވެގެންނެވެ. ދެވަނަ ސިކުންތުގައި ހިތުގައި އިތުރު ވިންދެއް ޖަހައިލިހެން ހީވިއެވެ. މަޑުމަޑުން ތެދުވެ އެނދުގައި އިށީނދެލެވުނެވެ. ހިތާއިހިތާ ސުވާލުކޮށްލެވުނެވެ.
"އަނެއްކާ އަހަންނަށް އިލްފު ދެކެ ލޯބި... ލޯބި ވެވުނީބާ؟" އަހަންނަށް އެހެން ބުނެލެވުނެވެ.
ހަމަ އެ ސިކުންތުގައި އެކަމަށް އެއްބަސް ނުވެވޭ ކަމަށް ބުނެ ބޯ ހޫރައިލެވުނެވެ. ދެން އެހެންވީ އިރު މި ވަނީ ކީއް ހެއްޔެވެ؟ މި ޣަރަގުވަނީ ކޮން ފަދަ ކޯރަކަށް ބާވައެވެ.
(ނުނިމޭ/ އަނެއްބައި އަންނަ ހިނިހިރު ދުވަހު)