04 މެއި 2021 - 12:59

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރު ގެނައުމަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވުނު މައްސަލައާ ގުޅިގެން މަގާމުން އެކަހެރިކުރި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ބިޑް ކޮމިޓީގެ ޗެއާމަން ނިޝާމާ މުހައްމަދާއި ޑެޕިއުޓީ މިނިސްޓަރު ޝިޔާމާ މުހައްމަދު މިއަދު މަގާމުން ވަކޮށްފި އެވެ.
ކޮވިޑް-19 ގެ ފަރުވާއަށް ވެންޓިލޭޓަރު ހޯދަން، މާލީ އަދި ފަންނީ ގާބިލްކަމެއް ނެތް ދުބާއީގެ އާދައިގެ ކުންފުންޏެއްގެ އިތުރުން ދެން ހޮވީ ރާއްޖޭގެ މެޑްޓެކާއި ނާޑް އެވެ. މި ތިން ކުންފުނި ހޮވުމުގައި މާލިއްޔަތު ގަވާއިދާ ހިލާފުވެ ދައުލަތަށް ގެއްލުން ލިބޭ ގޮތަށް އަމަލުކޮށްފައިވާ ކަން ފަޅާއެރީ، އޮޑިޓަ ޖެނެރަލް ނެރުއްވި ހާއްސަ އޮޑިޓުންނެވެ.
މައްސަލަ ފެންމަތިވުމާ އެކު، އެކަމުގައި ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީ އާއި އެ މިނިސްޓްރީގެ ފައިނޭންޝަލް އެގްޒެކެޓިވްސް އަދި ވެންޓިލޭޓަރުތައް ގެނައުމާ ގުޅޭ އެއްބަސްވުންތަކުގައި ސޮއިކުރެއްވި ވެރިން މަގާމުން އެކަހެރި ކުރީ މިދިޔަ އޯގަސްޓް މަހުގެ ތެރޭގަ އެވެ.
މުސާރަ އާއި އިނާޔަތް ލިބޭ ގޮތަށް އެ ބޭފުޅުން ސަސްޕެންޑްކޮށްފައިވާތާ އަށް މަސްވެފައިވަނިކޮށް ނިޝާމާ އާއި ޝިޔާމާ މަގާމުން ވަކިކޮށްފައިވާކަން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ކަށަވަރުކޮށްދެއްވަ އެވެ.
އޭސީސީ އާއި ފުލުހުންނާ ހަވާލު ކޮށްފައިވާ ޖޮއިންޓު އިންވެސްޓިގޭޝަނާ މެދު ގޮތެއް ނިމެންދެން އެބޭފުޅުން ސަސްޕެންޑްކުރިއިރު 149 ވެންޓިލޭޓަރު ހޯދުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކޮށްފައިވާ ކަމުގެ ތުހުމަތާ އެކު އޭރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހިމެނިވަޑައިގަންނަވާ ގޮތުން 10 މީހެއްގެ މައްޗަށް ދައުވާކުރަން އޭސީސީން ޕްރޮސެކިއުޓާ ޖެނެރަލަށް ފޮނުވި އެވެ. އެކަމަކު، ޕީޖީ އޮފީހުން ނިންމީ އެ މައްސަލައިގައި ދައުވާ ނުކުރުމަށެވެ.
ފާޑުކިޔުންތަކާ އެކު އަލުން މައްސަލަ ރިވިއުކުރަން ޕީޖީން ވަނީ ނިންމައިފަ އެވެ. އަދި ވެންޓިލޭޓަރު ހޯދަން ދެއްކި ފައިސާ ވެސް އަނބުރާ ލިބިފައި ނުވާތީ އާބިޓްރޭޝަނަށް ދާން ސަރުކާރުން ވަނީ ނިންމާފަ އެވެ. އަދި އެ އެއްބަސްވުން ބާތިލް ކުރަން ކުންފުންޏަށް ނޯޓިސް ވެސް މިހާރު ވަނީ ފޮނުވައިފަ އެވެ.
އޮޑިޓަ ޖެނެރަލް އާންމު ކުރެއްވި ރިޕޯޓުގައި ބުނީ ދައުލަތުން ބޮޑު ހޭދައެއް ކުރާ ގޮތަށް ދުބާއީގެ ކުންފުންޏާ އެކު އެއްބަސްވުމެއް ހެދިއިރު އެންމެ ކުޑަމިނުން އެއީ މާލީ ގޮތުންނާއި ފަންނީ ގާބިލްކަން ހުރި ކުންފުންޏެއްތޯ ވެސް ހެލްތު މިނިސްޓްރީން ބަލައިފައި ނުވާ ކަމަށެވެ. އެ ކުންފުނިން ހުށަހެޅި މައުލޫމާތުތަކަކީ ސައްހަ މައުލޫމާތުތަކެއްތޯ ވެސް މިނިސްޓްރީން ނުބަލަ އެވެ. ވެންޓިލޭޓަރު ގަތުމުގައި ބީލަމަށް ނުލައި އެގްޒެކިއުޓާސްއާ ހަވާލުކުރުމުގެ ހުއްދަ އަށް ފިނޭންސް މިނިސްޓްރީގައި އެދުމުން އެތަނުން އެންގީ ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީ އަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށެވެ. އެކަމަކު އެ ކުންފުންޏަކީ ވެންޓިލޭޓަރުތައް ގެނެވިދާނެ ފަދަ ގާބިލްކަމެއް ހުރި ބައެއްތޯ ބިޑް ކޮމިޓީން ވެސް ބަލާފައި ނުވާ ކަމަށް އޮޑިޓް އޮފީހުން ބުންޏެވެ.
ހެލްތު މިނިސްޓްރީން ބުނެފައި ވަނީ އެގްޒެކިއުޓާސް ހޮވީ ޑަބްލިއުއެޗްއޯގެ މަޝްވަރާގެ މަތިން ކަަމަށެވެ. އެކަމަކު އޮޑިޓުގައި ބުނެފައިވާ ގޮތުގައި އެ ކުންފުނި ހޮވުމުގައި ޑަބްލިއުއެޗްއޯގެ އެއްވެސް ދައުރެއް ނެތް ނެތެވެ.