04 މެއި 2021 - 13:10

ކުޑަކުދިންގެ ހިޔާގައި މިއަދު ހެނދުނު އަލިފާން ރޯވީ، ދެ ކުއްޖެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމަކަށްފަހު ކަމަށް "މިހާރު" އަށް އެނގިއްޖެ އެވެ.
ވިލިމާލޭގައި ހުންނަ ހިޔާގައި އަލިފާން ރޯވެގެން 10:00 ހާއިރު ރިޕޯޓުކުރި އެވެ. ގާތްގަނޑަކަށް 15 މިނެޓުގެ ތެރޭގައި އަލިފާންގަނޑު ނިއްވާލިއިރު، ފުރަތަމަ ބުރީގައި ހުރި ބައެއް ތަކެއްޗަށް ގެއްލުން ލިބިފައި ވެ އެވެ.
މި މައްސަލަ ފުލުހުން ވެސް އަންނަނީ ތަހުގީގުކުރަމުންނެވެ.
އެނގިފައިވާ ގޮތުގައި ހިޔާގައި ބަލަހައްޓާ ދެ ފިރިހެން ކުއްޖެއްގެ މެދުގައި ހިނި މާރާމާރީއަކަށްފަހު އެތަނުން އެއް ކުއްޖަކު، އެ ކުއްޖާ އުޅޭ ކޮޓަރިއަށް ވަނެވެ. އެ ތަނުން ނުކުތީ ރޯކޮށްލުމަށްފަހު ދުންގަނޑު އެރުމުން ކަމަށް، އެކަމުގެ މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.
"އެ ކުއްޖާގެ ފުރާނައަށް ނުރައްކާގޮތަށް މިކަން ހިނގައިދިޔައީ،" އޭނާ ބުންޏެވެ.
މި ހާދިސާއާ ގުޅިގެން ޖެންޑާ މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު އިބްރާހިމް މުހައްމަދު ވިދާޅުވީ ކުޑަކުދިންގެ ހިޔާގައި ހިނގި އަލިފާނުގެ ހާދިސާގައި އެއްވެސް ކުއްޖަކަށް އަނިޔާއެއް ނުލިބޭ ކަމަށެވެ. ނަމަވެސް އެ މައްސަލައިގެ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
އުމުރުން 13-18 އަހަރާ ދެމެދުގެ ކުދިން ހިޔާގައި ބޮޑެތި މައްސަލަތަކެއް ހުރިކަން ވަނީ ހާމަވެފަ އެވެ. ޗިންލްޑްރަންސް އޮމްބަޑްސްޕާސަން ނިއުމާތު ޝަފީގް މަޖިލީހުގެ ކޮމިޓީގައި މިދިޔަ މަހު ވިދާޅުވީ ކުދިން ތިބޭ ކޮޓަރިތައް ބަލައި ފާސްކުރަމުން ނުދާއިރު، އެ ތަންތަނުން، ކުދިންނަށް ނުރައްކާ ވާނެ ތަކެތި ފެނިފައިވާ ކަމަށެވެ. އޭގެ އިތުރުން އެ ތަނުގައި ތިބޭ އެހެން ކުދިންނާއި ތަނާއި ތަކެއްޗަށް ގެއްލުން ދިނުމުން ވެސް އަހުލާގީ އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގައި ވާހަކަދައްކަވަމުން ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު ކުރިން ވިދާޅުވީ ކުޑަކުދިންގެ ހިޔާ ހިންގާ އިމާރާތް ހުސްކޮށް، ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ މަރުކަޒުގައި ތިބޭ އެ އިމާރާތަށް ބަދަލުކުރުމަށް މަޝްވަރާކުރަމުން އަންނަ ކަމަށެވެ.