04 މެއި 2021 - 12:12

ހއ. ހޯރަފުށީގައި ގެސްޓް ހައުސް ތަރައްގީކޮށް، ހިންގާނެ ބަޔަކު ހޯދަން އިއުލާން ކޮށްފި އެވެ.
އެ ރަށު ކައުންސިލް އިދާރާ އިން ކުރި އިއުލާނެއްގައި ބުނީ، ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ހޯރަފުށީގެ ޓޫރިޒަމް ޒޯނުން ގެސްޓް ހައުސް ހަދަން ބިންތަކެއް ކުއްޔަށް ދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން ލީޒް، ޑިވެލޮޕްމެންޓް އެންޑް އޮޕަރޭޝަން އުސޫލުން ހިންގުމަށް ހަ ގެސްޓް ހައުސް ތަރައްގީ ކުރަން ހުޅުވައިލާފައިވާ ކަމަށް ކައުންސިލް އިދާރާ އިން ބުންޏެވެ.
މި ޕްރޮޖެކްޓުގެ ދަށުން ގެސްޓް ހައުސް ތަރައްގީ ކުރަން ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 18 ވަނަ ދުވަހު ބާއްވާ ޕްރީ ބިޑް ސެޝަންގައި ބައިވެރިވުމަށް ރަޖިސްޓަރީވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.
މި ޕްރޮޖެކްޓުގެ ބިޑް ޑޮކިއުމެންޓުގެ އަގަކީ 500ރ. އެވެ. ބިޑް ހުށަހަޅަން ޖެހެނީ މި މަހުގެ 27 ވަނަ ދުވަހުގެ މެންދުރު 1:00 އަށް ހޯރަފުށީ ކައުންސިލް އިދާރާ އަށެވެ. ބިޑު ހުށަހަޅަން ޖެހޭނީ ކޮންމެ ބިމަކަށް ވެސް ވަކިން ކަމަށް ކައުންސިލް އިދާރާ އިން ބުނެ އެވެ.
ހޯރަފުށީގައި ގެސްޓް ހައުސް އެޅުމަށް ހަ ބިމެއް ދޫކުރަން މި ބުރުގައި ނިންމި އިރު މީގެ ކުރިން ވެސް ވަނީ ގެސްޓް ހައުސް ތަރައްގީ ކުރަން ހަތް ބިމެއް ދޫކޮށްފަ އެވެ.