04 މެއި 2021 - 12:16

ބާސެލޯނާ (މެއި 4) - އެފްސީ ބާސެލޯނާ ޓީމުގެ ކުޅުންތެރިންގެ ގުޅުން ރަނގަޅު ކުރުމަށް، ކެޕްޓަން ލިއޮނެލް މެސީގެ ގޭގައި ކުޅުންތެރިންނަށް ހާއްސަ ބާބެކިއުއެއް ބާއްވައިފި އެވެ.
ބާސެލޯނާ ސިޓީގެ ކަސްޓެލްޑެފޯލްސް ސަރަހައްދުގައި ހުންނަ، މެސީގެ ގެއަށް ބާސާގެ ކުޅުންތެރިންނާއި އެ ކުޅުންތެރިންގެ ލޯބިވެރިންނަށް އިއްޔެގެ މެންދުރު ކެއުމަށް ދައުވަތު ދިނީ، ލީގު ކަނޑައަޅާ މެޗުގެ ގޮތުގައި މަޝްހޫރު ވެފައިވާ މެޗުގައި، އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުމުގެ ކުރިން ކުޅުންތެރިންގެ މެދުގައި ރަނގަޅު ރޫހެއް އުފެއްދުމަށް ކަމަށް ސްޕެއިންގެ މީޑިއާތަކުން ބުނެ އެވެ.
ތާވަލުގެ އެއް ވަނައިގައި އޮތް އެތުލެޓިކޯ އާއި ބާސާއާ ދެމެދު ހުރީ ދެ ޕޮއިންޓްގެ ފަރަގެވެ. އެ މެޗު ކާމިޔާބު ކުރާ ޓީމަކަށް ލަ ލީގާގެ ޗެމްޕިއަންކަން ލިބުމުގެ ފުރުސަތު ބޮޑެވެ. އަންނަ ހޮނިހިރު ދުވަހުގެ ރޭ ކުޅޭ މެޗުގައި ވެސް، ބާސާގެ ކޯޗު ރޮނަލްޑް ކޫމަން އަށް ބެންޗުގައި ނީދެވޭނެ އެވެ. ރެފްރީއާ ދިމާލަށް ބުނި އެއްޗަކުން އޭނާ ވަނީ ދެ މެޗަށް ސަސްޕެންޑް ކޮށްފަ އެވެ. ވެލެންސިއާ އާ ދެކޮޅަށް އާދިއްތަ ދުވަހު ކުޅުނު މެޗަކީ އޭނާގެ ސަސްޕެންޝަންގެ ފުރަތަމަ މެޗެވެ.
ގްރަނާޑާ އަތުން ބަލިވެ، ތާވަލުގެ އެއް ވަނައަށް ދިއުމުގެ ފުރުސަތު ބާސާ އަށް ގެއްލުމުން، ލީގު ހޯދުމުގެ ރޭހުގައި ބާސާގެ މަސައްކަތް ވަނީ ދެ ގުނަ ބޮޑުވެފަ އެވެ.
ކުޅުންތެރިން ގޮވައިގެން، މެސީ އަމިއްލަ ގޭގައި ބާބެކިއުއެއް ބޭއްވި ނަމަވެސް ބާސާގައި އޭނާ މަޑު ކުރާނެ ކަމުގެ ޔަގީން ކަމެއް އަދިވެސް ނެތެވެ. އަންނަ މަހު އޭނާގެ ކޮންޓްރެކްޓް ހަމަވާނެ އެވެ. ބާސާގެ ރައީސް ޔޮއާން ލަޕޯޓާ ކުރިން ވިދާޅުވެފައި ވަނީ، މެސީ ބާސާގައި މަޑުކުރާނެ ކަމުގެ ބޮޑު އުންމީދެއް ލިބިފައިވާ ކަމަށެވެ.
އެހެން ނަމަވެސް ކޮންޓްރެކްޓް ހަމަވާން ދެ މަހަށް ވީއރުވެސް އާ ކޮންޓްރެކްޓްގައި މެސީ ސޮއި ނުކުރާތީ 100 ޕަސަންޓް ގެރެންޓީއެއް ނެތެވެ.