މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ރަޝިޔާއިން
މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ރަޝިޔާއިން

ކޮވިޑްގެ ހާލަތު ގޯސްވެ އިންޑިއާ އިން އަންނަ ޓޫރިސްޓުންގެ އަދަދު މަދުވުމުން ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމަކަށް ރަޝިއާ ވެއްޖެ އެވެ.

ރާއްޖޭގެ ބޯޑަރު އެންމެ ފުރަތަމަ ހުޅުވާލި އިރު އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމުގެ ގޮތުގައި ވެސް ރަޝިއާ އޮތެވެ. ނަމަވެސް މިއަހަރު ކުރީކޮޅުން ފެށިގެން ދާދި ފަހަކާ ޖެހެންދެން އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމުގެ ގޮތުގައި އޮތީ އިންޑިއާ އެވެ. އިންޑިއާއިން ޓޫރިސްޓުން އައުން އެހާ ބޮޑަށް މަދުވީ، އެ ގައުމުގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމުގެ ސަބަބުންނެވެ.

ރާއްޖެއަށް އައި ޓޫރިސްޓުންގެ 22 ޕަސެންޓް ނިސްބަތް ވަނީ ރަޝިއާ އަށެވެ. އެ ގައުމުން ގާތްގަނޑަކަށް 90،000 ޓޫރިސްޓުން މިއަހަރުގެ މިހާތަނަށް އައިސްފައިވެ އެވެ. ލިސްޓުގެ ދެވަނައިގައި އޮތް އިންޑިއާ އިން 86،000 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއަހަރުގެ މިހާތަނަށް 396،000 ޓޫރިސްޓުން އައިސްފައިވެ އެވެ.

ރަޝިއާގެ އިތުރުން ޔޫކްރެއިނާއި ޖަރުމަނާއި ކަޒަކިސްތާނާއި ރުމޭނިއާ ވެސް މިހާރު ހިމެނެނީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް އަންނަ ގައުމުތަކުގެ ތެރޭގަ އެވެ.

އިންޑިއާ އިން އަންނަ ޓޫރިސްޓުން މަދުވި ނަމަވެސް ކޮންމެ ދުވަހަކު އެވްރެޖުކޮށް ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދަށް މާބޮޑު ބަދަލެއް ނާދެ އެވެ. މީގެ އެންމެ ބޮޑު ސަބަބަކީ ޔޫރަޕްގެ ގައުމުތަކުން އަންނަ ޓޫރިސްޓުން އިތުރުވުމެވެ. މިވަގުތު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 3،600 ޓޫރިސްޓުން އާދެ އެވެ.

ކޮވިޑާ ގުޅިގެން ޓޫރިޒަމް ދާއިރާ ވަރަށް ބޮޑަށް ހީނަރުވުމަށް ފަހު ޓޫރިޒަމް މަޑުމަޑުން ކުރިއަށް ދާއިރު ސަރުކާރުގެ އަމާޒަކީ މިއަހަރު އެއް މިލިއަން ޓޫރިސްޓުން ގެނައުމެވެ.