ފިޔަވަޅުތަކުން އޭއެފްސީ ކަޕަށް އަސަރު ނުކުރާނެކަމުގެ އުންމީދު ބޮޑު
ފިޔަވަޅުތަކުން އޭއެފްސީ ކަޕަށް އަސަރު ނުކުރާނެކަމުގެ އުންމީދު ބޮޑު

ކޮވިޑް-19 އާ ގުޅިގެން، ރޭ އެޅި ފިޔަވަޅުތަކުގެ ސަބަބުން، ރާއްޖޭގައި ބާއްވާ އޭއެފްސީ ކަޕަށް އަސަރު ނުކުރާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް އެފްއޭއެމުން ބުނެފި އެވެ.

މާދަމާ އިން ފެށިގެން ކުރިއަށް 10 ދުވަހަށް ފިޔަވަޅުތައް ހަރުކަށި ކުރުމަށް، ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެ ފިޔަވަޅުތަކުގެ ތެރޭގައި ކުޅިވަރު މުބާރާތްތައް މަޑުޖައްސާލުމުގެ އިތުރަށް ކުޅިވަރު ކުޅޭ ތަންތަން ބަންދު ކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ.

އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީ ހުސައިން ޖަވާޒު، ވިދާޅުވީ ފިޔަވަޅުތަކުގެ އަސަރު އޭއެފްސީ ކަޕަށް ނުކުރާނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.

"މި ވަގުތަށް އަދި އަސަރެއް ނުކުރާނެ. އެހެން ނަމަވެސް ކައިރިން ހާލަތު ބަލަމުން ގެންދާނަން،" އޭނާ ވިދަޅުވި އެވެ.

އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާ ޒޯންގެ ގުރޫޕް ސްޓޭޖު މެޗުތައް އޮންނާނީ މި މަހު 14-20 އަށެވެ. ގުރޫޕް ސްޓޭޖު ހޯސްޓް ކުރުމުގެ ބިޑް ރާއްޖެއިން ކާމިޔާބުކުރީ އިންޑިއާއާ ވާދަކޮށެވެ.

ގުރޫޕް ސްޓޭޖުގެ ފަހު ޖާގަ ހޯދުމަށް، ރާއްޖޭގެ ކްލަބު އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު އެފްސީ ކުޅޭ ޕްލޭއޮފް މެޗު އަންނަ އަންގާރަ ދުވަހު މާލޭގައި އޮންނާނެ އެވެ. ކުރިން އިންޑިއާގައި ކުޅެން ހަމަޖެއްސި ޕްލޭއޮފް މެޗު ކަނޑައެޅިފައިވާ ތާރީޚުގައި ނުކުޅެވުމުން، އެ މެޗު ރާއްޖެ އަށް ބަދަލު ކުރުމަށް އޭއެފްސީން ވަނީ ނިންމައިފަ އެވެ.

ކޮލިފިކޭޝަންގެ ޕްލޭއޮފް ބުރަށް އީގަލްސް ދަތުރު ކުރީ، ޕްރިލިމިނަރީ ސްޓޭޖުގެ ދެ ވަނަ ބުރުގައި އެ ޓީމާ ދެކޮޅަށް ކުޅެން ހަމަޖެހިފައި އޮތް، ބަންގުލަދޭޝްގެ ޑާކާ އަބަހާނީ މުބާރާތުން ވަކިވެފައިވާ ކަމަށް، އޭއެފްސީ ކަޕަށް ހާއްސަކޮށް އެކުލަވާލާފައިވާ މި ސަރަހައްދުގެ ކޮވިޑް-19 ގެ ސަބް ކޮމިޓީން ނިންމުމަށް ފަހު އެވެ.

މިދިޔަ ހުކުރު ދުވަހު އޭއެފްސީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ބަންގުލަދޭޝްގައި ކޮވިޑް-19 ގެ ހާލަތު އުޅޭ ގޮތުންނާއި އެ ގައުމުގައި އަޅާފައިވާ ލޮކްޑައުން ފިޔަވަޅުތަކާއި ވައިގެ ދަތުރު ކުރުމަށް ހުރި ހުރަސްތަކާ ގުޅިގެން އަދި އަބަހާނީ އަށް ތަކުރާރުކޮށް ދެވުނު ޑެޑްލައިންތަކުގައި ވެސް އެކަށީގެންވާ ހައްލެއް ހޯދިފައި ނުވުމުން، އަބަހާނީ މިހާރު މުބާރާތުން ވަކިވެފައިވާ ކަމަށް ބަލައި ޕްލޭއޮފް ބުރަށް އީގަލްސް ކޮލފައިވާކަމަށް ސަބް ކޮމިޓީން ނިންމާފައިވާ ކަމަށެވެ.

އަބަހާނީ އާއި އީގަލްސް މެޗު އެންމެ ފުރަތަމަ ކުޅެން ހަމަޖައްސާފައި އޮތީ މިދިޔަ މަހު 14 ވަނަ ދުވަހު ބަންގުލަދޭޝްގަ އެވެ. އެހެން ނަމަވެސް ކޮވިޑާ ގުޅިގެން އެ ގައުމުގައި އެ މެޗު ކުޅޭނެ ފުރުސަތެއް ނުލިބުނެވެ. ދެން އޭއެފްސީން ވަނީ މެޗު 21 ވަނަ ދުވަހަށް ފަސް ކޮށް ނިއުޓްރަލް ވެނޫއެއް ހޯދަން އަބަހާނީ އަށް ފުރުސަތު ދީފަ އެވެ. ނިއުޓަރަލް ވެނޫއެއްގެ ގޮތުގައި އަބަހާނީން ހަމަޖެއްސީ ނޭޕާލްގެ ކަަތަމަންޑޫގެ ދަސްރަތު ރަންގަސާލާ ސްޓޭޑިއަމް އެވެ. މެޗު ކުޅޭނެ ނިއުޓްރަލް ވެނޫ ހަމަޖެހުނު ނަމަވެސް، ބަންގުލަދޭޝްގެ ވައިގެ ދަތުރުތައް ސަސްޕެންޑް ކުރުމުން އެ މެޗަށް ނޭޕާލަށް ދެވޭނެ ގޮތެއް އަބަހާނީއަކަށް ނުހޯދުނެވެ.

އޭއެފްސީ ކަޕް 2016 ވަނަ އަހަރުގެ ރަނަރަފް ބެންގަލޫރު، ޕްލޭއޮފް ބުރުން ޖާގަ ހޯދީ ޕްރިލިމިނަރީ މަރުހަލާގެ ދެ ވަނަ ބުރުގައި، ނޭޕާލްގެ އާމީ ކްލަބު ބަލި ކުރުމަށް ފަހު އެވެ. ޕްރިލިމިނަރީ މަރުހަލާގެ ފުރަތަމަ ސްޓޭޖުގައި އީގަލްސް ވަނީ ބޫޓާންގެ ތިމްޕޫ ސިޓީ ބަލި ކޮށްފަ އެވެ.

ގުރޫޕް ސުޓޭޖުގައި ކޮންމެ ޓީމެއް، ކޮންމެ ޓީމަކާ ދެކޮޅަށް ކުޅޭނީ އެއް ފަހަރު އެވެ. ގުރޫޕް ސްޓޭޖުން އޮޓަމެޓިކް ޖާގަ ކަށަވަރު ވެފައި ވަނީ ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ބަންގުލަދޭޝްގެ ބޮށުންދަރާ ކިންގްސް އަދި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އަށެވެ.