އަލަށް ބޮލީވުޑަށް ނުކުންނަ ނަމަ ބޭނުމީ ބަންސާލީ: ރަވީނާ
އަލަށް ބޮލީވުޑަށް ނުކުންނަ ނަމަ ބޭނުމީ ބަންސާލީ: ރަވީނާ

އާ ބަތަލާއެއްގެ ގޮތުގައި އަލުން ބޮލީވުޑަށް ނުކުންނަން ފުރުސަތެއް ލިބޭނެ ނަމަ އެންމެ ބޭނުމީ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމެއް ކަމަށް ބަތަލާ ރަވީނާ ޓަންޑަން ބުނެފި އެވެ.

އަލަށް ބޮލީވުޑަށް ނުކުންނަ ނަމަ ބޭނުމީ ބަންސާލީ: ރަވީނާ
އަލަށް ބޮލީވުޑަށް ނުކުންނަ ނަމަ ބޭނުމީ ބަންސާލީ: ރަވީނާ

އީޓީ އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ބަންސާލީގެ ފިލްމުތައް އަބަދު ވެސް ވަރަށް ކަމުދާ ކަމަށާއި އޭނާއާ އެކީ މަސައްކަތްކުރެވޭނެ ފުރުސަތެއް ލިބުމަކީ އުންމީދެއް ކަމަށެވެ. ބަންސާލީގެ ފިލްމަކުން މިހާތަނަށް ރަވީނާ އަށް ފުރުސަތެއް ލިބިފައެއް ނުވެ އެވެ.

މިހާރު ވަރަށް މަދުން ފިލްމުތަކުން ފެންނަ ރަވީނާ، 46، ބޮލީވުޑަށް ނުކުތީ ސަލްމާން ޚާނާ އެކު 1991 ގެ "ޕައްތަރު ކޭ ޕޫލް" އިންނެވެ. އޭގެ ފަހުން ރަވީނާ އަކީ 90 ގެ އަހަރުތަކުގައި ވަރަށް ވިދައިލި ބަތަލާއެކެވެ.

ފިލްމު ދާމަން (1995) އިން އެންމެ މޮޅު ބަތަލާގެ ނެޝަނަލް އެވޯޑް ވެސް ހޯދި ރަވީނާގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި "ދިލްވާލޭ" އާއި "ޒިއްދީ" އާއި "މޮހްރާ" އާއި "ސައްތާ" އަދި "އަންދާޒް އަޕްނާ އަޕްނާ" ފަދަ ފިލްމުތައް ހިމެނެ އެވެ.

ރަވީނާގެ ކެރިއަރުގެ ކުރީކޮޅުގައި އެކްޓަރު އަކްޝޭ ކުމާރާ އެކު އެންގޭޖްވެ، ފިލްމުތަކަށް ސޮއިކުރުން ވެސް ހުއްޓައިލި އެވެ. އެކަމަކު ކައިވެނީގެ ކުރިން އެ އެންގޭޖްމަންޓް ރޫޅި، ރަވީނާ އަލުން ފިލްމު ކުޅެން ފެށި އެވެ. އޭނާ ޕްރޮޑިއުސަރު އަނިލް ތަޑާނީއާ ކައިވެނިކުރީ 2004 ގަ އެވެ. ރަވީނާގެ ހަތަރު ދަރިން ތިބި އިރު އޭގެ ތެރެއިން ދެ ކުދިންނަކީ އެޑޮޕްޓްކުރި ދަރިންނެވެ.

ރަވީނާ ބުނީ މިހާރު ބޮލީވުޑުން ވަރަށް ހުނަރުވެރި ޑައިރެކްޓަރުންނާ އެކު ވަރަށް ތަފާތު ފިލްމުތައް ވެސް ފެންނާތީ އުފާވާ ކަމަށާއި އަދިވެސް އިންޑަސްޓްރީގައި އޭނާ އަށް ދެމިހުރެވުމަކީ ވެސް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. ރަވީނާ ބުނި ގޮތުގައި މި ފަހުން ރިލީޒްވި ފިލްމުތަކުގެ ތެރެއިން އާލިއާ ބަޓް 2014 ގައި ފެނިގެން ދިޔަ ޑައިރެކްޓަރު އިމްތިއާޒް އަލީގެ "ހައިވޭ" އަކީ ވަރަށް ކަމުދިޔަ ތަފާތު ފިލްމެކެވެ.

"މިހާރު ހިންދީ ސިނަމާ އިން ބޮޑު ތަފާތުތަކެއް ފެނޭ. އަހަރެން އުފާ ވަނީ އިންޑަސްޓްރީގެ ހިއްސާއަކަށް އަދިވެސް ވެވޭތީ." ރަވީނާ ބުންޏެވެ.

އޭނާގެ ކުރިއަށް އޮތް ފިލްމަކީ ކަންނާޑާ ފިލްމު "ކޭޖީއެފް: ޗެޕްޓާ 2" އެވެ. ދާދި ފަހުން ރަވީނާ ވަނީ އަކްޝޭ ކަންނާ އެކު "ލެގަސީ" ކިޔާ ވެބް ސީރީޒެއް ވެސް ކުޅެން ސޮއިކޮށްފަ އެވެ. އަދި އޭނާގެ އަތުގައި ނެޓްފްލިކްސްގެ ސީރީޒެއް ވެސް އެބައޮތެވެ.

ރަވީނާ އެންމެ ފަހުން ފެނިފައި ވަނީ 2019 ގެ "ޚާންދާނީ ޝަފަޚާނާ" ގެ ހާއްސަ ފެނިލުމަކުންނެވެ.