04 މެއި 2021 - 12:28

ނިއު ދިއްލީ (މެއި 4) - ރެކޯޑް އަދަދުތަކުން ކޮރޯނާވައިރަހަށް މީހުން ޕޮޒިޓިވްވެ އޮކްސިޖަނަށް ޖެހިފައިވާ ނިއު ދިއްލީން ސިފައިންގެ އެހީ އަށް އެދިއްޖެ އެވެ.
ކޮވިޑުގެ ދެ ވަނަ ރާޅަކާ އެކު ހޮސްޕިޓަލްތަކުން ފަރުވާ ނުދެވި އައިސީޔޫގެ އެނދުތައް ފުރިފައިވާ އިރު އޮކްސިޖަން ނުލިބިގެން އެތައް ބަޔަކު ދަނީ މަރުވަމުންނެވެ. އެހެންވެ ދިއްލީގެ ސަރުކާރުން އެދެނީ ކޮވިޑް ކެއާ ފެސިލިޓީތަކާއި އިންޓެންސިވް ކެއާ ޔުނިޓްތައް އޮޕަރޭޓް ކުރަން ސިފައިން ހަވާލުވުމަށެވެ. ދިއްލީ ސަރުކާރުން އެދެނީ އޮކްސިޖަންއާ އެކު މެޑިކަލް ކެއާ ފެސިލިޓީތައް 10،000 މީހުންނަށް ފަރުވާ ދެވޭ ވަރަށް ސިފައިން ހިންގައި ދިނުމަށެވެ. އަދި އައިސީޔޫގެ 1،000 އެނދު ވެސް ސިފައިން ބަލަހައްޓައި ދިނުމަށް އެދިފައިވެ އެވެ.
ދިއްލީގެ ޑެޕިއުޓީ ޗީފް މިނިސްޓަރު މަނީޝް ސިސޮޑިއާ ވިދާޅުވީ ވެރިރަށުގެ ސިއްހީ ނިޒާމަށް ނުތަކާވަރު މިހާރުވެފައިވާ ކަމަށާއި ޑިފެންސް މިނިސްޓްރީގައި ހުރި ވަސީލަތްތައް ބޭނުންކޮށްގެން އެހީތެރިކަން ފޯރުކޮށްދޭން ޖެހިފައިވާ ކަމަށެވެ. އޮކްސިޖަން އެއް ތަނުން އަނެއް ތަނަށް ސަޕްލައި ކުރުމުގައި ވެސް ސިފައިންގެ އެހީ އަށް ސިސޮޑިއާ އެދިވަޑައިގެންފައިވެ އެވެ.
ސިފައިންގެ ރިޒާވުން ހޮސްޕިޓަލްތަކަށް އޮކްސިޖަން ސަޕްލައިކޮށްދިނުމަށް މިހާރު ވަނީ އެދިފަ އެވެ. އަދި ރިޓަޔާކޮށްފައިވާ އަސްކަރީ މެޑިކަލް އޮފިސަރުން އަލުން ޚިދުމަތަށް ނުކުތުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
ދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދު ކެޖްރިވާލް ވަނީ މައި ސަރުކާރުން އެކަށީގެންވާ ވަރަށް އޮކްސިޖަން ނުލިބޭކަން ފާހަގަކުރައްވައިފަ އެވެ.
އިންޑިއާ އިން ތިން ލައްކައިން މަތިން ކޮންމެ ދުވަހަކު ވެސް ޕޮޒިޓިވްވަމުންދާތާ މިހާރު ދެ ހަފުތާވެއްޖެ އެވެ.