ކުރިއަށް ވުރެ ބޮޑަށް ޓޫރިސްޓުންނަށް މިހާރު ރާއްޖެ ރައްކާތެރިވާނެ: ޓޫރިޒަމް މިނިސްޓްރީ
ކުރިއަށް ވުރެ ބޮޑަށް ޓޫރިސްޓުންނަށް މިހާރު ރާއްޖެ ރައްކާތެރިވާނެ: ޓޫރިޒަމް މިނިސްޓްރީ

ކުރިއާ އަޅާ ބަލާއިރު ރާއްޖެއަކީ މިހާރު ޓޫރިސްޓުންނަށް މާ ރައްކާތެރި މަންޒިލެއް ކަމަށް ޓޫރިޒަމް މިނިސްޓްރީން މިރޭ ބުނެފި އެވެ.

އެ މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ މިހާތަނަށް ރިސޯޓުތަކުގައި މަސައްކަތް ކުރާ 99 ޕަސެންޓް މުވައްޒަފުންނަށް ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒު ދީފައިވާ ކަމަށެވެ. އަދި 25 ޕަސެންޓް މުވައްޒަފުން ދެ ޑޯޒު ފުރިހަމަކޮށްފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން ކޮވިޑް-19ގެ ހާލަތުގައި މަސައްކަތްކޮށް، ބައްޔާ އެކު މަސައްކަތް ކުރުމުގެ ނުވަ މަހުގެ ތަޖުރިބާ މުވައްޒަފުންނަށް ލިބިފައިވާ ކަމަށް ވެސް އެ މިނިސްޓްރީގެ ޓްވީޓުގައި ވަނީ ބުނެފަ އެވެ.

ރާއްޖެއަކީ ޓޫރިސްޓުންނަށް ރައްކާތެރި މަންޒިލަކަށް ހެދުމަށް ސަރުކާރުން އަންނަނީ ތަފާތު މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން، ޓޫރިޒަމް ދާއިރާގެ އެންމެނަށް ވެކްސިން ދޭ ދުނިޔޭގެ ފުރަތަމަ ގައުމަށް ރާއްޖެ ހެދުމަށް "އައި އެމް ވެކްސިނޭޓެޑް"ގެ ނަމުގައި ވަނީ ކެމްޕޭނެއް ވެސް ފަށައިފަ އެވެ.

ރާއްޖެ އަށް މި އަހަރުގެ މިހާތަނަށް 396،982 ޓޫރިސްޓުން ވަނީ ޒިޔާރަތް ކޮށްފަ އެވެ.