03 މެއި 2021 - 17:00

ކޮވިޑު-19 ގައި ރާއްޖޭގެ ހާލަތު ގޯސްވެފައިވާތީ ސްކޫލުތައް ބަންދުކުރުމާ ގުޅޭ މަޝްވަރާތައް ކުރިއަށްދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ..
އެ މިނިސްޓްރީގައި ބޭއްވި ނިއުސް ކޮންފަރެންސްގައި، ނޫސްވެރިއެއްގެ ސުވާލަކާ ގުޅިގެން މިނިސްޓަރު ވިދާޅުވީ ސްކޫލުތައް ބަންދުކުރުމާ ގުޅޭ ވާހަކަތައް ދައްކަމުންދާ ކަމަށެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) މެދުވެރިކޮށް ވަރަށް އަވަހަށް އެކަމާ ގުޅޭ މައުލޫމާތު ހިއްސާކުރާނެ ކަމަށް ވިދާޅުވި އެވެ.
ސްކޫލުތައް ބަންދުކުރުމުގެ މަޝްވަރާތައް ފެށިއިރު، ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ފާއިތުވި ހަފުތާގެ ތެރޭގައި ވަނީ ރިކޯޑު މިންވަރަކަށް އިތުރުވެފަ އެވެ. އެއާއެކު އެކްޓިވް ކޭސްތައް ވެސް 5،500 އިން މައްޗަށް އަރާފައި ވެ އެވެ.
ބަލީގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވީ ކޮވިޑް ކޮންޓްރޯލްކުރުމުގެ ފިޔަވަޅުތައް ވަރުގަދަކުރުމުގެ މަޝްވަރާތައް މިއަދު ކުރާނެ ކަމަށެވެ. އެއާއެކު، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް އެ މަނިކުފާނު އެދިވަޑައިގަތެވެ.
ކޮވިޑުގެ ހާލަތު ގޯސްވުމުން މީގެ ކުރިން ވެސް މާލެ ސަރަހައްދުގެ ސްކޫލުތައް އެތައް ފަހަރަކު ބަންދުކުރި އެވެ. މިދިޔަ ޖެނުއަރީ 10 ގައި ސްކޫލުތައް ހުޅުވުމަށްފަހު އޭގެ މަހެއްފަހުން ބަންދުކުރުމަށްފަހު އަލުން ހުޅުވައި ކިޔަވައިދޭން ފެށީ މިދިޔަ މަހުގެ އެއް ވަނަ ދުވަހެވެ.